"އިންސާފު ކޮބާ" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިއަދު މާލޭގައި ބޭއްވި މުޒާހަރާ އިން 11 މީހަކު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މުޒާހަރާގެ ބައިވެރިއަކަށް އަނިޔާކުރުމުގެ ސަބަބުން ހޭނެތިގެން އޭޑީކޭހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެމްބަރު ނަބީލް ޒަމީލް އާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީގެ މެމްބަރުން ހިމެނޭ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ރައީސް ޔާމީން މިނިވަންކުރުމަށާއި އިންސާފު ހޯދުމަށް ގޮވާލައި މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. މިއަދުގެ މުޒާހަރާގެ ބައިވެރިން ތިބީ ކޮވިޑުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން ހުރިހާ ބައިވެރިން ވެސް މާސްކު އެޅިއެވެ. އަދި ބައެއް މީހުން މާސްކާއެކު ފޭސް ޝިލްޑް ވެސް އެޅި އެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން މުޒާހަރާ ފެށުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި އެއްވެސް ސަރަހައްދަކަށް ނުދެވޭނެ ގޮތަށް ބަންދުކޮށްފަ އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ރައީސް ޔާމީން މިނިވަންކުރުމަށާއި އިންސާފު ހޯދުމަށް ގޮވާލައި މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

ގިނަ އަދަދެއްގެ ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަން ހަރަކާތްތެރިވެފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަސްޕްރޭ ވެސް ވަނީ ޖަހާފަ އެވެ.

މުޒާހަރާގައި ފުލުހުން ބައެއް މީހުންނަށް އަނިޔާ ކުރި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ފުލުހުން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.