މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފުލެޓު ހަވާލުކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމު ކުރުމުން ގިނަ ބަޔަކު ވަނީ އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޝަކުވާކޮށްފަ އެވެ. އަދި އެ ލިސްޓާ މެދުގައި ހިތްހަމަނުޖެހިގެން ޕޮއިންޓް ދިން ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި ހައުސިން މިނިސްޓްރީ އަށް ބަޔަކު ގޮސް މިއަދު އިހްތިޖާޖް ވެސް ކުރި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅާ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ހެން ވަކި ބަޔަކަށް ނާޖައިޒް މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ، އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލު ކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތައް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ލިސްޓް އާންމުކޮށް ފްލެޓް ލިބޭ މީހުންނަށް ޕްއިންޓް ދީފައިވާނީ ފްލެޓަށް ހުށަހެޅި އިރު ފޯމު ފުރާފައިވާ މައުލޫމާތުތަކަށް ބެލުމަށް ފަހު ކަމަށެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށާއި ގެދޮރުވެރިޔާ ޕޯޓަލް ތެރެއިން ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.