ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން އާބަންކޯއިން ތައްޔާރުކޮށްފައިވާ ޕޯޓަލަށް މައްސަލަތަކެއް ދިމާވެގެން ފްލެޓް ވިއްކުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
އާބަންކޯއިން ރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ ކޯޕަރޭޝަންއަށް ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ލިބުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ހުރިކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވޭތީ އެޕާޓުމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދެވެރިކޮށް ފޯމުހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.
"ލިބިފައިވާ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް މި ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާތީ، އެޕާޓުމަންޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސައިލުމަށް ވަނީ ނިންމާފައި." އާބަންކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޮންލައިން ޕޯޓަލްއަށް ކުރިމަތިވި މައްސަލައަކީ ކޮބައިކަމެއް، އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅީ ކިތައް ފަރާތްކަމެއް ވެސް އާބަންކޯއިން ހާމަކޮށްފައެއް ނުވެ އެވެ. އަދި ފްލެޓްތައް ވިއްކުމަށް ދެން ހުޅުވާލާނެ ތާރީހެއް ވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.
އާބަންކޯއިން ވިނަރެސް ޕްލެޓް ގަތުމަށް އިއްޔެ ހުޅުވާލީ 10:00 ހާ އިރު އެވެ. އެކަމަކު ބައި ގަނޑިއިތު ނުވަނީ ފްލެޓްތައް ވަނީ ވިކި ހުސްވެފަ އެވެ.
މިއަދު ހުޅުވާލުމަށް ރާވަފައިވަނީ އިއްޔެ ހުށަހެޅި ފޯމުތަކުގެ ތެރެއިން ޑޮކިއުމަންޓްތައް ހަމަނުވެގެން ކެންސިލްވި ފްލެޓްތަކަށެވެ.
ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. އޭގެ ތެރެއިން އިއްޔެ ހުޅުވާލީ 120 ވަރަކަށް ޕްލެޓަށެވެ. އަދި މި ވަގުތު ޕްރޮސެސިންގައި 1063 ފްލެޓެއް ހުރި އިރު ބުކްކޮށްފައިވަނީ 281 ފްލެޓެވެ. އަދި އިތުރު އެއްވެސް ފްލެޓެއް ޕޯޓަލުން އިތުރަށް ހުރި ކަމަށް ނުދައްކަ އެވެ.
ވިނަރެސް ފްލެޓް ދޫކުރަނީ އެއްކޮށް ފައިސާ ދައްކައިގެންނާއި ލީޒް ޓު ރެންޓްގެ ދަށުން ދެ އުސޫލަކުންނެވެ. އެގޮތުން ދިގު މުއްދަތަށް ކުލި 20 އަހަރަށާއި 25 އަހަރަށް ވެސް ބަހާލައިގެން ދެއްކޭނެ އެވެ.
ވިނަރެސްގެ ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލިއިރު ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓްރަސްޓު %9 އިން %6 އަށް މި ފަހުން ވަނީ ކުޑަކޮށްފަ އެވެ. އެއާ އެކު އެ ފްލެޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވެފަ އެވެ.