އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް އިންތިގާލީ އޮފީހުން އަންގާފައިވާ އެންގުމާ ހިލާފަށް އަމަލު ކުރަން އުޅޭކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާބަންކޯ އަށް ވަދެއްޖެ އެވެ.

އާބަންކޯއަށް އޭސީސީގެ ޓީމެއް ވަދެފައިވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެ ކޮމިޝަނުން ރަސްމީކޮށް މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީގެ ޓީމެއް އާބަންކޯގެ މައި އޮފީހަށް ވަދެ ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅުންހުރި ލިޔެކިޔުން ހޯދަމުންނެވެ.

އާބާންކޯ އޮފީހަށް އޭސީސީގެ ޓީމެއް ވަދެފައިވަނީ ހުޅުމާލެއިން ބިންތަކެއް ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެވެ.

އިންތިޤާލީ މަރުހަލާގައި ބިންތަކުގެ ވިޔަފާރި މުއާމަލާތް ކުރިއަށް ނުގެންދިއުމަށް އޭސީސީން މިދިޔަ ހަފްތާގައި ވަނީ އާބަންކޯއަށް އަންގާފަ އެވެ. އޭސީސީގެ މި އެންގުން އައިސްފައިވަނީ އިންތިހާބީ ރައީސް އޮފީހުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ވުމާއެކު، މި މަރުޙަލާގައި މިފަދަ މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުޙަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ މިފަދަ ކަންކަން ހުއްޓުވައި ރައްޔިތުންގެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދިވެހިންނަށް އަރުވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ މަސައްކަތްތައް ކުރަމުންދަނީ އިންތިހާބީ ރައީސްގެ އޮފީހުންނާއި އޭސީސީ އަދި ޕްރައިވަޓައިޒޭޝަން ބޯޑުން ޝާއިއުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ހަވާލާދީފައިވަނީ ބޯޑުގެ އެޖެންޑާއަށް ކަމަށާއި އެއީ އަލަށް ފަށާފައިވާ ކަންކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. އަދި އެއީ ކުރީއްސުރެ ހުށަހެޅި، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ނިމި، އެގްރީމެންޓާ ހަމައަށް މަސައްކަތް ނިމިފައި ހުރި ކަންކަން ކަމަށްވެސް ބުނެފައިވެ އެވެ.