ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހަކު އެ ރަށުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިއީ "ހައި ރިސްކް" ކެޓަގަރީގެ ދެ މީހުން ކަމަށެވެ.

ފުވައްމުލަކުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. އެއީ އެރަށުގައި ހޯމް ކަރަންޓީނުގައި 10 ދުވަހު ތިބުމަށްފަހު މުއްދަތު ފުރިހަމަކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި ދެ މީހުން ކަމަށް އެ ރަށު ހޮސްޕިޓަލުން ބުންޏެވެ.

https://www.facebook.com/fvmhospital/photos/a.639945719477501/1818308594974535/

ފުވައްމުލައް ހޮސްޕިޓަލުން ބުނީ އެ ދެ މީހުން ރޭ 11:30 ހާއިރު، ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ 70 އަހަރުގެ ފިރިހިނެކާއި 61 އަހަރުގެ އަންހެނެކެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ރަށުގައި ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދެނީ އެ ސިޓީގެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޮވިޑް- 19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ "ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމު" ގުޅިގެން ކަމަށެވެ.