އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންގެ ލިސްޓު ފައިނަލު ކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާއާ މަޝްވަރާކޮށްފި އެވެ.

މަޖިލިހުން ބުނީ އިންތިހާބީ ރައީސް މުއިއްްޒު އާއި އިންތިހާބީ ނައިބު ހުސެއިން ހުވާކުރެއްވުމުގެ ޖަލްސާއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންގެ ލިސްޓު ފައިނަލު ކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ބައްދަލްވުމުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

މުއިއްޒާއި ހުސެއިން ހުވާ ކުރާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

މި ޖަލްސާއަށް ރާއްޖެއާ އަވަށްޓެރި ހުރިހާ ގައުމުތަކަށާއި ރާއްޖެއާ ހާއްސަ ގާތް ގުޅުން ބާއްވާ ހުރިހާ ގަައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.