ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން މިހާރު އަމަލުކުރަމުން ދަނީ ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށައި ޑިމޮކްރެސީގެ އަސާސްތަކާއި އުސޫލްތަކަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރު ވަރަށް ބޮޑު ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރެސީގެ އަސާސްތަކާ އުސޫލްތަކަށް ނުރައްކާވާފަދަ އަމަލުތައް އެމްޑީޕީން ހިންގާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާފަދަ ކަންކަން ކުރަމުން ކަމަސްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވާއިދާ ގުޅޭ ގޮތުން އެމްޑީޕީން އަމިއްލަ ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ ބާރުތައް ވަނީ ހަނިކޮށްފައި. މަޖިލީހުގެ ކޮމެޓީއަކުން މަޖިލީސް ހިންގުމާ ގުޅޭގޮތުން ލަފާ ހޯދުމަށް ބަންޑާރަނައިބުގެ އަރިހުގައި ދަންނަވައިފި. އެމްޑީޕީގެ އަމަލުތައް މި ވަގުތު ގެންދާކަމީ ހިތަމައެކެވެ. ދިވެހީންނަށް ވެވޭ ބޭއިންސާފެ ކެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މިކަމުގެ ބިރުވެރިކަމާމެދު އަލިއަޅުވާލާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ބަޔާން ކޮށްފައިވަނީ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ކޯޓުގެ ހުކުމް ސިޔާސީވުމަށް މަގުފަހިވާނެ ކަމަށް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު މިއަދު އިސްތިއުފާ ދެއްވި އިރު އެމަނިކުފަނުގެ އިތުބަރު ނެތްކަމުގެ މައްސަލަ 49 މެމްބަރުންގެ ސޮޔާ އެކު އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ. މިއީ އެ މައްސަލަ އެމްޑީޕީން ހުށަހެޅި ދެވަނަ ފަހަރެވެ.