އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވަން ނިންމަވައިފި އެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ ވަނީ އިފްތިތާހް ކޮށްފައެވެ. އެ ޕްލޭންގައިވާގޮތުން ސަރުކާރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ދަރިމައިވުމާގުޅޭ ފަރުވާގެ ހިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. އޭގެތެރޭގައި "އައިވީއެފް ޓްރީޓްމަންޓް" ހިމެނެ އެވެ.

"އެންޑޮމެޓްރިއޯސިސް" އާއި "ޕީސީއޯއެސް" ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސަން ވެސް ވަނީ ނިންމާފަ އެވެ. އެކަން ކުރަން ޕްލޭންކޮށްފައި ވަނީ ވެރިކަމުގެ ފުރަތަމަ ނުވަ ހަފްތާގެ ތެރޭގަ އެވެ.

މީގެއިތުރުން ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެއާ އެމްބިއުލާންސް ތައާރަފު ކުރުމުގެ މަސައްކަތް ފަށަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ.

ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ކޮންމެ ދިވެއްސަކަށް އަހަރަކު ދެ ފަހަރު އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސާނެކަން މިރޭ އިއުލާންކުރި އެވެ.

ހަމައެހެންމެ ނަފްސާނީ މައްސަލަތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭ ހެލްޕް ލައިނެއް ގާއިމްކުރަން ވެސް ވަނީ ނިންމާފަ އެވެ.