އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ އުފަލުގައި މާދަމާ ރޭ މާލޭގައި ހަވާ އަރުވަން ނިންމައިފި އެވެ.

ހަވާ އަރުވަން ނިންމާފައި ވަނީ މާދަމާ ރޭ 9:00 ގައި އިއްޒުއްދީން ފާލަން ކުރިމަތީގައި ކަމަށެވެ. ހަވާ އަރުވާނީ ފަސް މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

އެ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ބުންޏެވެ. ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް މާދަމާ ވަޑައިގަންނަވާނެ އެވެ. ރާއްޖެ އާއި ގާތް ގުޅުން އޮންނަ އެހެން ގައުމުތަކުން ފޮނުވަނީ ސަރުކާރުގެ ބަންދޫބުންނެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްއެންޑީއެފްގެ ސިވެކްއާ އެވެ.