އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ އާ ސަރުކާރުން ކަމަށާއި އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެން، ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައި ދެއްވި ތަގުރީރުގައި ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާއީ މައްސަލަތައް ނިކުންނަ ކަމަށާއި ދީނީ، އަޚްލާގީ މައްސަލަތައް އުފަންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމަ އެހެންމެ، ސިއްހީ އެތައް ގެއްލުންތަކަކަށް ރައްޔިތުން ހުށަހެޅޭ. އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ. "އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ."

އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ.
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އޭގެ އިތުރުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން މި ފަށާ އާ ސަރުކާރުން ތަރައްގީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ މި ވިސްނުމުގެ ތެރެއިން. އެއީ ސަރަހައްދީ ތަރައްގީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއް. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ. "މިކަމުގައި ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް އަޅުގަނޑުމެންނާ ހިއްސާ ކުރެއްވުމަށް އެކަމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނަން."

ރައީސް ވިދާޅުވީ ރާއްޖޭގެ އިލްމީ އެކި ދާއިރާތަކާއި، ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ އިލްމީ ދިރާސާތަކާއި ތަޖުރިބާއިން މިކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ލަހެއް ނުވެ އެކަމަށް ފުރުސަތު ހުޅުވައިލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭނުމަކީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަސައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަގުބަލް ކުރަހައި ބައްޓަންކުރުން. ރައްޔިތުންގެއެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް، ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ގާއިމުކުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، 7 އާބަން ސެންޓަރެއް، ނުވަތަ އުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.