ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ފަލަސްތީނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އޭ އެމް އަބޫ އާލީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ސަފީރު ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ސަފީރުގެ ނަންފުޅުގައާއި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ ނަންފުޅުގައި ރައީސަށް މަރުޙަބާ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވައި، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ މިހާރު އިޒްރާއީލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވެގެންދިއުމަށާއި، އެސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒާ ފަލަސްޠީނުގެ ސަފީރު ވަނީ، ޣައްޒާގަ އާއި ފަލަސްތީނުގެ އެހެނިހެން ސަރަހައްދުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި، އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ބެހޭގޮތުންނާއި، އެ ހާލަތުން އަރައިގަތުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި އަދި ފަހިވާންޖެހޭ އިތުރު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސްއާ ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ފަލަސްޠީނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެއްބާރުލުމާއި އަޚްވަންތަކަމުގެ ގުޅުންތައް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.