ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ގުނާނީ ބަންދު ދުވަސްތައްވެސް ލައިގެން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މުއިއްޒު ވަނީ މިސަރުކާރުންގެ ފުރަތަމަ 100 ދުވަސް ތެރޭގައި ހާސިލުކުރުމަށް ނިންމާފައިވާ ކަންތައްތައް އިއުލާނުކުރައްވާފަ އެވެ. "ހަފްތާ 14" ގެ ނަމުގައި ފުރަތަމަ 100 ދުވަހުގެ މަގުޗާޓު އިފްތިތާހު ކުރައްވާފަ އެވެ. އެ ޕްލޭންގައި އަށް ދާއިރާއަކުން 161 ވައުދެއް ވަނީ ފުއްދުމަށް ވަނީ ހިމަނާފަ އެވެ. އަދި މި 14 ހަފްތާގެ ހުރިހާކަމަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 250 މިލިއަން ރުފިޔާ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ފޯ ސްޓްރެޓިޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވީ މި ވެރިކަމުގެ "ހަފްތާ 14" ދުވަސްތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ. އަދި 14 ހަފްތާ ގުނާނީ ހުކުރު ހޮނިހިރު ވެސް އަދި ހުރިހާ ބަންދު ދުވަސްތައް ވެސް ހިމެނޭހެން ކަމަށް ހަލީލް ވިދާޅުވި އެވެ.

އަދި ހުރިހާ މަސައްކަތެއްވެސް ކަނޑައެޅިފައިވާ މުއްދަތައް ނިންމަން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަލީލް މިފަދައިން ވިދާޅުވިއިރު ރައީސް މުއިއްޒު ހުވާ ކުރެއްވުމަށްފަހު އަންނަނީ "ހަފްތާ 14" ހިމެނޭ ކަންތައްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ކަންތައްތައް ކުރެއްވުމަށް މިހާރު ވަނީ ފައްޓަވާފަ އެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.

މި މަސައްކަތުގެ އިތުރުން އެމަނިކުފާނު ވަނީ ދައުލަތުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް މުހިންމު މިނިނސްޓްރީތަކެއް ވެސް އުފައްދަވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުރަތަމަ 100 ގުނާފައިވަނީ ބަންދު ދުވަސްތައް ނުހިމަނަ އެވެ.