އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

ނަޝީދު އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގެ (ހ)ގެ އަށްވަނަ އަކުރުގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ. އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާ އަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ކަމަށް ބަޔާންކުރާ މާއްދާ އެވެ.ނަޝީދު އިސްލާހު ހުށަހަޅުއްވާފައިވަނީ "އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވާ މީހުން" އެތެރެވުން މަނާކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު މީގެ ކުރިން ވަނީ ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަން ދާން ބޭނުންވާ ދިވެހިންނަށް ސަރުކާރުން ހުރަސްނޭޅުމަށްވެސް ގޮވާލާފަ އެވެ.

ބިލް ހުށަހެޅުއްވި މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ، އިޒްރޭލުން އެކި އިސްލާމީ ގައުމުތަކަށް އަދި ހާއްސަކޮށް ގައްޒާގެ ރައްޔިތުންނަށް ހަމަލާދީ، ގަތުލު އާންމެއް ހިންގަމުން ދާތާ މަހަކަށް ވުރެ ގިނަދުވަސް ވެފައިވާ އިރު، އެކަން ކުށްވެރިކޮށް އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް އެހީތެރިވުމެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އެގޮތުން އޭނާ ގަބޫލުކުރައްވަނީ އަރަބި އެކި ގައުމުތަކުންނާއި ރާއްޖެ ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެކި ގައުމުތަކުން އިޒްރޭލުގެ ޕާސްޕޯޓުގައި އަންނަ މީހުން އެ ގައުމުތަކަށް އެތެރެވުން މަނާކުރުމަށް އެކި ފިޔަވަޅު އަޅާފައިވާތީ އެކަން ނަމޫނާއަކަށް ބަލައިގެން ރާއްޖެއިން ވެސް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

އިޒްރޭލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައި މީގެކުރިން މަޖިލީހަށް ގަރާރެއް، ސިޓީއެއް އަދި ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެ އެވެ.

ގައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާނާއި ގުޅިގެން ދިވެހިން ދަނީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަޑުއުފުލުމުގެ އިތުރުން މަޖިލިސް ކުރިމަތީގައި ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ދަނީ ބާއްވަމުންނެވެ.

ރައްޔިތުންގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓް މަނާކޮށް، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ލަފާ ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފަ އެވެ.