ވަޒީރުންގެ ގެކޮޅުތަކާއި ކާރުކޮޅުގައި ވެސް ދިވެހި ގައުމީ ދިދަ ނަގާފައި ބަހައްޓާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އިއްޔެ ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަކުރެއްވުމަކީ ރައީސްގެ ތަގުރީރުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ނުކުތާ ކަމަށެވެ.

"މިހުރިހާ ނިންމުންތަކެއް މަގްސަދަކީ އަދި ބޭނުމަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށްއޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން. އަދި އޭގެ ތެރެއިން އަޅުގަނޑުމެންގެ ގައުމިއްޔަތު ދިރުވާ އާލާކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަ ޝަހުސިއްޔަތު ކުރިއަށް ނެރެ އަހަރުމެންގެ އަމިއްލަވަންތަކަމަށްޓަކާ ފަޚުރުވެރިވާ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،" ފިރުޒުލް ވިދާޅުވި އެވެ.

މީގެ އިތުރުން ޤައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިވަންތަ ޝަހުސިއްޔަތު ކުރިއަށް ނެރެ، އަމިއްލަވަންތަ ކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް މިއީ މި ނިންމުންތަކުގެ މަޤްސަދު ކަމުގައި ފިރުޒުލް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުދިވެހި ދިދަ ތިރިނުކޮށް 24 ގަޑިއިރު ނަގާފައި ބެހެއްޓުމަށް ވަނީ އަންގަވާފަ އެވެ.