ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްޓަކައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ބުދަ ދުވަހުގެ ރޭ އެމެރިކާ ސިފައިން ބުނެފި އެވެ.

އެމެރިކާގެ މަރުކަޒީ ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާ، ކުށެއްނެތް އާންމު ރައްޔިތުން ތިބި ވިޔަފާރި އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކުގެ ބަދަލުގައި، އެގައުމުން ބޮޑު އަގު ދައްކަންޖެހޭނެ ފަދަ ވަރުގަދަ ހަމަލާތަކެއް އެމެރިކާގެ ފައުޖުތަކުން ދޭން ފަށާފައިވާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ގަތަރާއި ސައޫދީ އަރަބިއްޔާގެ އުޅަނދުތައް ހިމެނޭހެން ޖުމްލަ ތިން އުޅަނދަކަށް އީރާނުން ވަނީ ހަމަލާދީފަ އެވެ.

މި ހަމަލާތައް ދީފައިވަނީ، އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެގައުމުގެ ތެޔޮ ވިއްކުމަށް އެމެރިކާއިން ދީފައިވާ ލުއިތައް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. އެމެރިކާގެ އޮފިޝަލަކު އަލް އަރަބިއްޔާ އަށް މައުލޫމާތު ދެމުން ބުނީ، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ދެމުންދާ ހަމަލާތަކަކީ އެމެރިކާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، މި އަމަލުތަކުގެ ހިތި ނަތީޖާ އީރާނުން ތަހައްމަލު ކުރަންޖެހޭނެ ކަމަށެވެ.

އެމެރިކާއިން އަލުން ހަމަލާތައް ފަށާފައި މިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލާފައިވާ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާ ކުރިއަށްދާ ވަގުތެއްގަ އެވެ.

6 ދުވަހަށް ދެމިގެންދާ ގޮތަށް އިންތިޒާމު ކޮށްފައިވާ ޖަނާޒާގެ ހިނގާލުމުގައި ތެހެރާނުގެ މަގުތަކަށް އެތައް ލައްކަ ބަޔަކު ނުކުމެ މުޅި ސިޓީ ވަނީ ތޮއްޖެހިފަ އެވެ. މި ހިތާމަވެރި މުނާސަބަތުގައި ބައިވެރިވުމަށްޓަކައި އީރާނުގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.