މީގެ ކުރީގެ ސަރުކާރުތަކާއި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ތަފާތުވާނެ ކަމަށާއި މިސަރުކާރުގެ ދުވެލި ހުންނާނީ "މުއިއްޒު ދުވެލީގައި" ކަމަށް މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.

"ވިޒިޓާ އިކޮނޮމީ ކައުންސިލް" ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ސަމާލުކަންދެއްވާނެ ސަރުކާރެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި އެހެން ވެރިންނާއި ތަފާތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން 17 ނޮވެމްބަރުގައި ފެށި މިދަތުރު ހުންނާނީ މުއިއްޒު ދުވެލީގައި. މުއިއްޒު ދުވެލީގައި އަޅުގަނޑުމެން ސަރުކާރު ހިނގަމުންދާނީ. އަޅުގަނޑުމެން ހުކުރެއް ހޮނިހިރެއް، ބަންދެއް ނެތި ވަޒީރުންނާއި ވެރިންނާއި ޗެއާމަނުންނާއި އައްޔަންކުރެއްވި ހުރިހާ ބޭފުޅުން މަސައްކަތްކުރައްވާނީ،" ހަލީލް ވިދާޅުވި އެވެ.

މީގެ އިތުރުން ހަލީލު ވިދާޅުވީ އެއް ވާހަކައެއް އަހާ އަހާ ނޫސްވެރިން ތިބީ މާޔޫސްވެފައި ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓަރުންނަށް ނަތީޖާ ނެރެވިދާނެތޯ ނޫސްވެރިން ސުވާލު އުފައްދަނީ ވެސް އެ ސަބަބާއި ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސުވާލު ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ކުރަން އަޅުގަނޑު އެދެން. ހަގީގަތުގައިވެސް އެއީ ވަރަށް ޖާއިޒު ސުވާލެއް. އެއީ ނޫސްވެރިންވެސް މާޔޫސްވެފަ. ރައްޔިތުންވެސް މާޔޫސްވެފަ މިތިބީ. އެއްވާހަކައެއް އަހާ އަހާ އެއަށް އަމަލީ ސިފައެއް ނުލިބި. އެހެންވީމަ އަޅުގަނޑުމެން އުއްމީދު ކުރިން ވަރަށް މާޔޫސީ ސުވާލު އަންނާނެ ކަމަށް. އަދި ވަކީން ހާއްސަކޮށް މި ބޭފުޅުންނަށް މިކަން ކަން ވާނެ ކަމާމެދުވެސް ތިބޭފުޅުން ސުވާލު އުފައްދާނެ. އެއީ މާޔޫސްވެފައި ތިއްބެވީމަ،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ވަރަށް ގިނައިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެ ކަމަށާއި، އެންމެފަހުން ނޫސްވެރިން އުޅެން ޖެހޭނީ ފޮނުވާނެ ނޫސްވެރިޔަކު ނެތިގެން ކަމަށެވެ.