ފާއިތުވި ދެ މަހެއްހާ ދުވަހު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހު، މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅަނގު މޫސުމުގެ ގަދަވުމާއި އެންވެރިކަން ދަށްވުމުގެ ސަބަބުން ޖޫން މަހަކީ މި އަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ބޮޑަށް އަޑިއަށްދިޔަ މަހެވެ. އެގޮތުން އެ މަހު މަސްވެރިންނަށް ދޫކުރެވުނީ އެންމެ 11.3 މިލިއަން ރުފިޔާ ކަމަށް ވާއިރު، ބައެއް ދުވަސްތަކުގައި މުޅި ރާއްޖެއިން ބޭނި މަހަށް ދުވާލަކު ދޫކުރަން ޖެހުނީ އެންމެ ދެ ލައްކައެއްހާ ރުފިޔާ އެވެ. މިއީ މަސްވެރިކަން އެންމެ ރަނގަޅުވި އެޕްރީލް މަހު ދޫކުރި 78.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ.
މީގެ އިތުރުން ޖަނަވަރީ މަހު 40.4 މިލިއަން، ފެބުރުވަރީ މަހު 20.4 މިލިއަން، މާރިޗު މަހު 29.4 މިލިއަން އަދި މެއި މަހު 31.1 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ. އާންމުކޮށް ޖޫން އަދި އޯގަސްޓް މަހަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް، މިހާރު މަސްވެރިކަމުގެ ހާލަތު ބަދަލުވާން ފަށާފައިވާ ކަމަށް މިފްކޯއިން ފާހަގަކުރެ އެވެ.
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 50 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވަމުން ދާއިރު، ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މި ވަގުތު ރާއްޖޭގައި މަސްވެރިކަން އެންމެ ކުރިއަށްދަނީ ޅ. އަތޮޅު ހިސާބުގަ އެވެ. މަސްވެރިކަން ދަށްވި ދުވަސްވަރާ ދިމާކޮށް، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން މިފްކޯއިން ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން ދަނީ ކިލޯއަކަށް 20 ރުފިޔާގެ މަގުންނެވެ.
މާ ގިނައިން ކަސްރަތު ކުރުމަކީ ވެސް ގޯހެއް!
އޮއްޕޮ އެފްއޭއެމާ ދެކޮޅަށް ކޯޓަށް
ނޯލަންގެ "ދަ އޮޑިސީ"އަށް ހޮލީވުޑްގެ ފެހި ސިގްނަލް!