މާލޭގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި އެކަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އެ މައްސަލައާ ގުޅުންހުރި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ސިލްސިލާ މާރާމާރީތަކެއް މާލޭގައި ރޭ ހިނގާފައިވާ އިރު، އައިސީޔޫގައި ފަރުވާދެމުން ދަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ އަށެވެ. އަދި އެ މީހާގެ ހާލު ސީރިއަސްކަމަށް ވެސް ވެ އެވެ.

އެ ހިނގި މާރާމާރީގެ ސިލްސިލާ ފެށިފައި ވަނީ ސަލްމާން މިސްކިތް ކައިރީ އޮންނަ ކުޑަހެންވޭރު ދަނޑުކައިރީގައި އިރާކޮޅު 7:00 ހާއިރު ހިނގި މާރާމާރީއިންނެވެ. މިމާރާމާރީ ހިނގިތާ ދެ ގަޑިއިރެއްހާއިރު ފަހުން މ.އަސަރީ ގޯޅީގައި ވެސް ވަނީ މީހަކަށް ހަމަލާ ދީފަ އެވެ. އެ ހާދިސާގައި ހަމަލާ ދީފައިވަނީ އުމުރުން 38 އަހަރުގެ މީހެއްގެ ކަރަށެވެ. ނަމަވެސް އެ މީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

ތިންވަނަ މާރާމާރީ ރޭ ހިނގާފައިވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގަ އެވެ. 11:30 ހާއިރު ހިނގި މި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް އެކަކަށް ވެފައިވާއިރު، ޖުމްލަ ތިން މީހަކަށް އެކި ވަރުގެ އަނިޔާ ވެފައިވެ އެވެ. އަދި މިމާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ތިންކުދިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު 1:36 ހާއިރު މ.މުތީ ގޯޅީގައި ވެސް ވަނީ މީހަކަށް ހަމަލާ ދީފަ އެވެ. އެ މާރާމާރީގައި ބައިވެރިވި މީހުން ދުއްވި ސައިކަލުތައް ފުލުހުން ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރޭ ހިނގި ހަތަރު މާރާމާރީގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން ތިން މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ނެވެ. އަދި އެކަކަށް އަސީޔޫގައި ފަރުވާދޭއިރު އަނެއް ދެ މީހުންނަށް ފަރުވާދެމުންދަނީ ވޯޑްގައި ބާއްވައިގެންނެވެ.

މި ސިލްސިލާ މާރާމާރީތައް ގުޅިފައިވަނީ 2017 ވަނަ އަހަރު ޓާމިނަލް ކެފޭ ތެރެއިން ހަމަލާދީ މަރާލި، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމްގެ މަރާ ގުޅިގެން އިއްޔެ ބޭއްވި އަޑުއެހުމާ އެވެ. ނަދީމްގެ ބޮލަށް ހަމަލާދީ އޭނާ މަރާލީ، ގ. ޝާރާޒް، މުހައްމަދު މަފާޒު ކަމަށް އިއްޔެގެ އަޑުއެހުމުގައި ދެ ހެކިވެރިއަކު ވަނީ ހެކިބަސްދީފަ އެވެ.

މި ހިނގި މާރާމާރީތަކަކީ ހެކިބަސްދިނުމާ ގުޅިގެން އެކަމާ ގުޅުންހުރި ގޭންގުތަކުން ދީފައިވާ ހަމަލާތަކެއް ކަމަށް ވެ އެވެ.