އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައިފި އެވެ.

ރައީސް މުއިއްޒު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި މެސެޖުގަ އެވެ.

ރައީސް މުއިއްޒު ވަނީ އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެ، އެ ގައުމުގައި ކުރަމުން ގެންދާ ހަނގުރާމައާއި، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްޠީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަޤުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފަ އެވެ. މީގެ އިތުރުން ރައީސް މެސެޖުގައި، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއް ކަން ފާހަގަ ކުރައްވައި، އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށް ވުރެ ވަރުގަދަކުރުމަށް ރައީސްގެ މެސެޖުގައި އިލްތިމާސް ކުރައްވާފައިވެ އެވެ.

އަދި، ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައިވެ އެވެ. މިގޮތުން، އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ވެސް ރައީސްގެ މެސެޖުގައިވެ އެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްތީނުގެ މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށްފައިވާ ކަމާއި، އިރުމަތީ ގުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަންޖެހޭ ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގައި ބަޔާންކުރައްވާފައިވެ އެވެ.