އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުން ވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ އަންނެހުންނަށް ދިމާވާ ސިއްޙީ ބައެއް މައްސަލަތައްކަމަށްވާ ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި، އެންޑޮމެޓްރިއޯސިސްއަށް އާސަންދަ ފުލް ކަވަރޭޖު ދިނުމަށް ކެބިނެޓުން ނިންމާފައިވާކަމަށެވެ.

ފިރުޒުލް ވަނީ ފާއިތުވި ދެ އަހަރު އެ ބައްޔަށް ފަރުވާ ހޯދާފައިވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް އެމީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، އެ ފަރުވާއަށް އާސަންދަ ފުލް ކަވަރޭޖު ނުލިބުންކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް މައުލޫމާތު ދެއްވަނީ

"މިހާރުގެ ހާލަތަށް ބަލާނަމަ އެ ޑައިގްނޯސްކުރެވޭ ގޮތެއްގެ ސަބަބުން އެންމެ ފުރިހަމައަށް އާސަންދަ ތެރެއިން ކަވަރޭޖު ލިބިގެނެއް ނުދޭ. މިއީ އަންހެން ބޭފުޅުންގެ ތެރެއިން ގިނަބަޔަކު ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ގިނަ ޢަދަދަށް ފަރުވާ ހޯދާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވޭ." ފިރުޒުލް ވިދާޅުވި އެވެ.

އަންހެނުންނަށް ދިމާވާ މިފަދަ ސިއްހީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، 'އިންފާޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އަދި މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާގުޅޭގޮތުން ސިއްހީ ޚިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން ހަރަދު ކުޑަކުރުމުގެ ގޮތުން ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި، އެންޑޮމެޓްރިއޯސިސް ފަރުވާގެ ތެރެއިން ބޭސް ބަލްކުކޮށް ޕްރޮކިއުމަންޓްކުރުމާ ބޭސްއަގު ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން..

މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަންކަމެވެ.

ދަރިމައިވުމާ ގުޅޭ މައްސަލަތަކަށް އާސަންދަ މެދުވެރިކޮށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އޭގެ ތެރޭގައި އެންމެ އާންމުކޮށް ދިވެހިން ފަރުވާ ހޯދާ އައިވީއެފް އާއި އައިޔޫއައިގެ ފަރުވާ ވެސް ހިމަނަން މިދިޔަ ބުދަދުވަހު ރައީސް ވަނީ ނިންމަވައިފަ އެވެ. މީގެ އިތުރުން އަހަރަކު ދެ ފަހަރު ހެލްތު ޗެކަޕް ހެއްދޭނެ ގޮތަށް އެ ހިދުމަތް ވެސް އާސަންދައިން ފޯރުކޮށްދޭ ގޮތަށް ކަނޑައެޅި އެވެ.