ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ވިސްނުންފުޅާ އެއްގޮތަށް މާލެ ބަދަލުކޮށްލަން ބޭނުންވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މާލެ އަށް މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ޓިކެޓުގައި ވާދަކުރައްވާ ހުސެއިން ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީ ދޫކޮށްލެއްވި ޔާމީން ޕީއެންއެފަށް ސޮއި ކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަފްލާގައި ހުސެއިން ވިދާޅުވީ އޭނާއަކީ މާލޭގެ މަންޒަރު ބަދަލުވެގެން އައި ގޮތް އެކި ގޮތް ގޮތަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. މާލެއަކީ ކުޑަކުޑަ ތަނަކަށް ވެފައި، މީހުންނާއި ވެހިކަލްތައް އިތުރުވެގެން ދިޔައީމަ އެކަށީގެންވާ މާލެއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ މި އުޅެނީ ރައީސް ޔާމީންގެ ތަރައްގީގެ ވިސްނުމުގެ އެއް ހަމައެއްގައި މާލެ ސިޓީގެ ކަންކަން ބަދަލު ކުރެވޭތޯ. ޕީއެންއެފަށް އަޅުގަނޑު ވަނީ ރާއްޖޭގެ ތަރައްގީގެ ވިސްނުމަކީ ރައީސް ޔާމީން ކަމުގައިވާތީ ރައީސް ޔާމީން އާ އެއް ވިސްނުމުގައި އޮތިއްޔާ އަޅުގަނޑު ބާކީ ނުވާނެ ކަމަށް އަމިއްލަ ނަފްސަށް ގަބޫލު ކުރެވޭތީ،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ޕީއެންއެފް އިން މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑި އަށް ވެސް ވާދަކުރާނެ ކަމަށެވެ. އަދި އެ ޕާޓީން ނުކުންނާނީ ޓީމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ޒުވާނުން ހަވާސާވެފައި ތިބޭ ތިބުން ނިމުމަކަށް ގެނެސް، އުމުރުން ދުވަސްވީ މީހުންނަށް މާލެއަކީ ފަސޭހަ ތަނަކަށް ހަދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒުވާނުން ވަޒީފާތަކަށް ފައްކާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"ބިދޭސީން މިއަދު ކުރަމުންދާ އެކި ކަހަލަ މަސައްކަތްތައް ގަވައިދުގެ ތެރެއިން ނޫނީ ގަވައިދާ ހިލާފަށް ވިޔަސް، މި ވަޒީފާތަކަކީ ވެސް އަޅުގަނޑުމެންގެ ޒުވާނުން ކުރާނެ ޒާތުގެ އެޓްރެކްޓިވް ވަޒީފާތަކެއްގެ ގޮތުގައި ބަދަލުކޮށް އެ ވަޒީފާތަކަށް އަޅުގަނޑުމެންގެ ދިވެހި ޒުވާނުން ފައްކާކޮށް އެ މަސައްކަތުގެ ތެރެއަށް ނެރެން (ބޭނުން)،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި މި ގައުމުގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް މަސައްކަތްކޮށް ދެއްވި އަދި ރާއްޖެ އަށް ޖުމްލަކޮށް ތަރައްގީ ގެނެސް ދެއްވުމަށް ހެޔޮ ހިތުން މަސައްކަތް ކުރެއްވި ބޭފުޅަކީ ޔާމީނެވެ.

ހުސެއިން ވިދާޅުވީ ޔާމީން އެކުގައި ހުންނެވި ނަމަ، އެމަނިކުފާނު ތަސައްވަރު ކުރައްވާ ގޮތަށް މާލެ ސިޓީ އެއްކޮށް ބަދަލުކޮށްލެވޭނެ ކަމަށެވެ. އަދި އެ ތަން ބަދަލު ކުރާނީ ސުލްހަވެރި، މާ ނަލަ މާލެ ސިޓީ އަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.