ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު އެ މަޖިލިހުން މިއަދު ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފި އެވެ.

ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އެ ގަރާރު މަޖިލިހަށް ބަލައިގަނެ ފޮނުވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށެވެ. އެ ގަރާރު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުން ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ދެނެގަންނަން ޖެހޭ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން ދިވެހި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވަމުންދާ ހިނދު، ނިމިދިޔަ ސަރުކާރުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރިތޯ ނުވަތަ ނޫންތޯ އަދި އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައިވޭތޯ ދެނެގަނެ އެކަމުގެ ތެދު ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރުގައި ތަހުގީގުކޮށްދޭން އެދުނު މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި ހަތިޔާރާ އެކު ތިބި ކަމަށް ބުނާ އެތައް ހާސް ސިފައިންގެ މައްސަލަ އާއި ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައި ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައި ވަނީ ރާއްޖެ އަށް ގެއްލުންވާ ގޮތަށް ކަމަށް ބުނާ މައްސަލަ އެވެ.

ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތަކަށް އިންކުއަރީ ހަދަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފާސްކޮށްފައިވަނީ އއ. އުކުޅަހުގައި އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގަ އެވެ.