ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުން 22 މީހުން ވަކިކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ މީހުންނަށް އަލުން ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖޫން، 2011 ގައި ކްރައުން ކޮމްޕެނީން ހިންގާ ރަންގަލި ރިސޯޓުން 22 މީހަކު ވަކިކުރީ ރިސޯޓުގެ ވިލާތަކެއް ބަންދު ކުރުމުން އެކިއުޕެންސީ ދަށްވެ، ރިޑަންޑަންސީގެ ހާލަތު މެދުވެރިވީ ކަމަށް ބުނެ އެވެ. އެ މީހުންނަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލާޢި ހައި ކޯޓުން ވެސް އޮތީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ކްރައުން ކުންފުނިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ 22 މީހުން ވަކިކުރީ ރިޑަންޑެންސީގެ ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏަސް، އެކަމުގައި އެ ކުންފުނިން އަމަލުކުރީ ތެދު ނިޔަތުގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ ވަގުތީ މުވައްޒަފުން ވަކި ނުކޮށް، ދާއިމީ ވަޒީފާއެއްގައި ތިބި 22 މީހުން ވަކިކުރި ސަބަބެއް އެ ކުންފުންޏަށް ބުނެ ނުދެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައިވަނީ އެ މީހުން ވަކިކުރީ މައުލޫއީ އަދުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށްވާތީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އެކަމަކު އެ މީހުންނަށް އަލުން ވަޒީފާއެއް ދޭން ނުޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އެއީ އެ މީހުން ވަކިކުރި ފަހުން ދިގު މުއްދަތެއް ފާއިތުވެފައި އޮތުމާއި ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވުމެވެ. އަދި އަދުލުވެރި ބަދަލެއް ދޭން ބަލާއިރު، އެ މީހުން ވަކިކުރިއިރު ނޯޓިސްގެ ބަދަލުގައި ދިން ފައިސާ އާއި ރިޑަންޑެންސީގެ ފައިސާ ދީފައިވާތީ އިތުރު ބަދަލެއް ދޭން ނުޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ މީހުން ވަކި ކުރުމުގެ ސަބަބުން އެ މީހުންނަށް އިތުރު ގެއްލުމެއް ލިބިފައިވާ ނަމަ، އެކަމަށް ދައުވާ ކުރުމުގެ ހައްގު އެ މީހުންނަށް އޮންނާނެ އެވެ.