ހާޓްއެޓޭކާއި ސްޓްރޯކް ނުޖެހި ހުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް އެންމެ ބޮޑު އެދުމެވެ. މިއިން ކަމެއް ދިމާވެ ދުނިޔޭގައި ހުރެއްޖެނަމަ ދެން ތަހައްމަލު ކުރަންޖެހެނީ ނުހަނު ދަތި ވޭންބޮޑު އަސަރުން ފުރިފައިވާ ދުވަސްތަކެކެވެ. ބަލިވާ މީހާ އެކަންޏެއް ނޫނެވެ. އާއިލާގެ އެންމެން އުޅެންޖެހެނީ އެ ހިތާމައިގައެވެ. މި ދެކަންތައް ވެސް ދިމާވުމެ އެންމެ އިސް ސަބަބަކީ ލޭގެ ޕްރެޝަރު މަތިކޮށް ހުރުމެވެ. ޕްރެޝަރު މަތިވުމަށް މެދުވެރިވާ ކަންކަމުގެ ތެރޭގައި:

  1. ޖެނެޓިކްސް: ބައެއް މީހުންގެ ލޭ ނާރުތަކުގެ "ޕްލައަބިލިޓީ" ނުވަތަ ނާރުތަކުގެ "ފްލެކްސިބިލިޓީ" ނުވަތަ ނާރުތައް ހަރުކަށި ނުވެ މަޑުކޮށް ހުންނަނީ އެމީހުންގެ ޖެނެޓިކްސް ހުރިގޮތުންނެވެ. މިގޮތް ހުންނަ މީހުން ގިނަ ފަހަރު ކޮންމެ ގޮތަކަށް އުޅުން ބައްޓަންވެފައި ތިއްބަސް ބޮޑެތި ބަލިތައް ތަހައްމަލު ކުރަން ނުޖެހި އުޅެއެވެ. ހިތާމައަކީ އެފަދަ މީހުން ބަލައި ހޯދުމަކީ ކުރެވޭނެ ކަމަކަށް ނުވުމާއި، ޖެނެޓިކްސްއަށް ބަދަލުގެނައުމަކީ އަޅުގަޑުމެންގެ ކިބައިގައި އޮތްކަމެއްކަމުގައި ނުވުމެވެ. މިގޮތް ނެތް މީހުންނަކީ ކެއުމާއި ބުއިމަށް ފަރުވާތެރި ނުވެއްޖެނަމަ ޕްރެޝަރު މަތިވުމުގެ މައްސަލަ އަވަހަށް މެދުވެރިވެދާނެ މީހުންނެވެ.
  2. ސްޓްރެސް: ސްޓެރެސް މަތި ދިރިއުޅުމެއްގައި އުޅުމަކީ ލޭގައި ހަކުރު ހުންނަވަރު މަތިވާކަމެކެވެ. މިހެންވުމަށް ދިމާވާ ގޮތަކީ ސްޓްރެސް މަތިވުމުން ސިކުނޑީގެ އެޑްރީނަލް ގްލޭންޑުން ކޯޓިސޯލް ގިނަ އަދަދަކަށް އުފައްދަން ފެށުމެވެ. އަދި މީގެ ސަބަބުން ލޭގައި ގުލްކޯޒް ލެވަލް މަތިވެ އެވެ. އަދި މިގޮތުގައި ތާއަބަދު ހުންނަން ވެއްޖެނަމަ އެމީހަކު ޓައިޕް 2 ގެ ހަކުރުބަލި ހުންނަ މީހަކަށް ބަދަލުވެއެވެ. އަދި މިއާއެކު ފެންވަރު ދަށް ކެއުން އާދަވެފައިވީ ނަމަވެސް ގުލްކޯޒް ލެވެލް މަތިވާން ފަށަ އެވެ. މިހާލަތުގައި ހުންނަ މީހާގެ ޕްރެޝަރު މަތިވުމުން ލޭގައި ހުންނަ ގުލްކޯޒް "މޮލެކިއުލްސް" އިން ލޭނާރުގެ އެތެރެ ފަށަލަ ހަލާކުކުރެ އެވެ. އަދި ނާރުތައް ހަރުކަށިވުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ އެވެ. ނާރުތައް އޭގެ އެންމެ ރަގަޅު ގޮތުގައި ނެތުމުން ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ގެންދިއުމަށް އިތުރު ޕްރެޝަރު ބޭނުންވެ އެވެ. މިހާލަތުގައި ހުންނަ މީހާ ބެލެވެނީ ލޭގެ ޕްރެޝަރު މަތި މީހެއްގެ ގޮތުގަ އެވެ. ނުވަތަ ހައިޕާޓެންޝަން ހުންނަ މީހަކަށްވީ އެވެ.
  3. ހަކުރު ބޭނުންކުރުން: ހަކުރު ގިނައިން ހުންނަ ކާނާއާއި ޕްރޮސެސްކޮށްފައި ހުންނަ ކާނާ ނުވަތަ ބަންދުކޮށްފައި ހުންނަ ކާނާއަކީ އާދަވެގެން ކައިބޮއެއުޅޭ ކެއުންކަމުގައި ވެއްޖެނަމަ ލޭގެ ޕްރެޝަރު މަތިވާން މެދުވެރިވާ ހުރިހާ ހާލަތެއް އައިސް ކުރިމަތިވެ އެވެ. މިއީ އަޅުގަޑުމެންގެ އަތުގައި ކޮންޓްރޯލް އޮވެ، އެހެން ނަމަވެސް އެކަމުގައި ވިސްނާނުލާ ސަމާލުނުވެ އުޅުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމުގައި އޮތް އެންމެ ނުރައްކާތެރި ހާލަތެވެ. ފޮށީގައި ބަންދުކޮށްފައި ހުންނަ ކާނާ ކެއުން އާދަކޮށްފިނަމަ ފޮއްޓެއްގެ ތެރޭގައި އެމީހެއްގެ ނިމުން މާލަހެއް ނުވާނެކަމުގައި މިކަމުގެ މާހިރުން ބުނެ އެވެ. މިއީ އަޅުގަޑުމެންގެ އަމިއްލަ އިޚުތިޔާރުން ބަދަލުކުރެވޭނެ ކަމެކެވެ.

ލޭގެ ޕްރެޝަރު މަތިވުން ނުވަތަ ހައިޕަޓެންޝަން ނޯމަލްކުރުމަށް އެންމެ ރަނގަޅު ފަރުވާއަކީ ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުންބުއިން ބަދަލުކޮށް ހެލިފެލިވުން އިތުރުކުރުމެވެ. ހަގީގީ ފަރުވާއޮތީ ގުދުރަތީ ވަސީލަތްތަކުގަ އެވެ. އެ ފަރުވާއަކުން ހަށިގަނޑަށާއި ގުނަވަންތަކަށް އިތުރު ގެއްލުންތަކެއް ނުދީ ހޯދޭނެ ފަރުވާއަކީ ވެސް މިއީއެވެ.

ޒަމާނީ އެހެނިހެން ވަސީލަތްތައް ވެސް ސައިންސްގެ އަލީގައި ހޯދިފައިވާ ފަދައިން ގުދުރަތީ ކާނާއިން ފަރުވާ ލިބުމާމެދު ވެސް ހޯދި ހޯދުންތައް ހޯދާފައިވަނީ ސައިންސްގެ އަލީގަ އެވެ. މީގެ އެތަކެއް ހާސް އަހަރު ކުރިން އިންސާނުން ދިރިއުޅެމުން ދިޔަ ގޮތާއި އެމީހުން ކައިބޮއެ ހެދިގޮތާއި ދިރިއުޅުން ހުރިގޮތާއި، އެމީހުންގެ ދުޅަހެޔޮކަން ގުޅި ލާމެހިފައިހުރި ވަރު މިފަދަ ހޯދުންތަކުންނާއި ދިރާސާތަކުން އެނގި ސާބިތުވެ އެވެ.

ކެއުންބުއިން ރަގަޅުކޮށް ވީހާ ވެސް ގުދުރަތީ ވަސީލަތްތަކުން ސިއްހަތު ރަގަޅަށް ބެހެއްޓުމުގެ ވާހަކައަކީ ބޯދާ ވާހަކައެއް ނޫނެވެ. މީގެ ކުރިން ވެސް އަދި މިހާރު ވެސް ދުނިޔޭގެ ބޮޑެތި ޚަބަރުފަތުރާ ވަސީލަތްތަކުން މިކަމާމެދު މައުލޫމާތު ނުފެތުރިއަސް، ޒަމާނަށް އައި ބަދަލާއެކު މިކަމާއިބެހޭ ޚަބަރުތަށް ފަސޭހަކަމާއި އެކު ހޯދާބަލާ ބަޔަކަށް މިހާރު ލިބެން އެބަހުއްޓެވެ. އިންސާނާއަށް އެންމެ ފައިދާހުރި ގޮތް އޮންނާނީ ގުދުރަތުން ލިބެންހުރި ވަސީލަތްތަކުންކަން ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކަށް އެނގޭނެވެ. މިހެންކަމާއެކު ސިއްހަތަށް އެންމެ ފައިދާހުރި ގޮތަށް އުޅުން ނުބެހެއްޓުމުގެ ސަބަބުން ދިމާވާ ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަން ރަނގަޅުކުރުމަށް އެންމެ ފުރަތަމަ އިޚުތިޔާރު ކުރަންވީ ގުދުރަތީ ވަސީލަތްތަކެވެ. އޭގެ ސަބަބުން އެހެން ކަންތައްގަނޑެއް ލައިނުގަންނާނީ އޭރުންނެވެ.

މިގޮތުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭނުންކުރެވިދާނެ 3 ބާވަތެއްގެ ޖޫހެއް މިލިއުމުގައި ލިޔެލާނަމެވެ. ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ރިސާޗުގައި ވަނީ:

  1. ބީޓްރޫޓު ޖޫސް ބުއިމުން ސިސްޓޮލިކް އަދި ޑައަސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްވާ ކަމަށެވެ. ހޯދުންތަކުން ފެނިފައިވާ ގޮތުގައި، 4 ހަފުތާވަންދެން ދުވާލަކު އާދައިގެ އެއް ތަށީގެ ބީޓްރޫޓް ޖޫސް ބުއިމުން ލޭގެ ޕްރެޝަރު ބޮޑުތަނުން ދަށްކުރެވެ އެވެ. ސަބަބަކީ މީގައި ހުންނަ ނައިޓްރޭޓްސް، ނައިޓްރިކް އޮކްސައިޑަށް ބަދަލުވުމެވެ.
  2. ނައިޓްރިކް އޮކްސައިޑަކީ ލޭ ނާރުތައް ރިލެކްސްކުރާ މާއްދާއެކެވެ. މީގެ އިތުރުން ބީޓްރޫޓުގައި ވިޓަމިންސީ އާއި ފޮލޭޓް އަދި ޕޮޓޭސިއަމް ގިނަ އެވެ. މީގެ ސަބަބުން ނާރުތަކުގެ ދުޅަހެޔޮކަން ނިހާޔަތަށް އިތުރުވެ އެވެ. ގިނަ ބަޔަކު ގުދުރަތީ މިފަދަ ކާނާއިން ބަލިތަކަށް ފަރުވާލިބުމާމެދު ފަހުގެ ސައިންޓިފިކް ރިސާރޗާއެކު ނޫނީ ގަބޫލުކުރުމަށް ފަސްޖެހުނަސް މިއީ މިފަދަ ކާނާއާއި ނިއުޓްރިޝަނުން ބަލިތަކަށް ފަރުވާ ލިބުމާމެދު އަމަލީގޮތުން ތަޖުރިބާއާއެކު ފަރުވާދޭ މީހުން އެތަކެއް ސަތޭކަ އަހަރު ކުރިއްސުރެ ވެސް ދަންނަ އަދި ގަބޫލުކުރާ ހަގީގަތެކެވެ. އުފާވެރި ޚަބަރަކީ ބީޓްރޫޓް ޖޫހަކީ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވާ ބުއިމެއްކަން މިހާރުގެ ސައިންސް ވެސް ގަބޫލުކުރާކަމެވެ. ލޭ މަތިވެއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ.
  3. ހައިބިސްކަސް (ނުވަތަ ހިބިސްކަސް) ސަޔަކީ ލޭ ނާރުތަކަށް ފައިދާހުރި ގިނަ އަދަދެއްގެ މާއްދާތައް އެކުލެވޭ ސައެކެވެ. ޖާނަލް އޮފް ނިއުޓްރިޝަންގައި ހިބިސްކަސްއިން ލޭގެ ޕްރެޝަރު ދަށްކުރުމާ މެދު އޮތް ލިއުމުގައި ބުނާގޮތުން 6 ހަފުތާވަން ދެން ދުވާލަކު 1 ތަށި ހިބިސްކަސް ސައި ބޮއެފިނަމަ ސިސްޓޮލިކް އަދި ޑައަސްޓޮލިކް ޕްރެޝަރު ދަށްވެއެވެ. ހަމަ އެފަދައިން ހައިޕަޓެންޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ގޮތުގައި ލޭގެ ޕްރެޝަރު ހުރިކަން ފާހަގަ ކުރެވޭ ދުވަސްވަރު މި ސައި ބޯން ފެށިއްޖެނަމަ ފަސޭހައިން ޕްރެޝަރުގެ މައްސަލަ ހައްލުކުރެވެ އެވެ.
  4. ތިންވަނައަށް އޮތް ޖޫހަކީ އަންނާރު ޖޫހެވެ. އަންނާރުގައި އެކުލެވޭ ފައިދާ ގިނަ މާއްދާތަކުގެ ސަބަބުން ނާރުތަކުގެ ސިއްހަތު ރަގަޅުވުމާއި ނާރުތައް ފްލެކްސިބަލްކޮށް ބަހައްޓައިދެ އެވެ. އަންނާރަކީ އެންޓި އިންފްލެމޭޓަރީ ވަރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މިއިން ހިތުގެ ސިއްހަތައް ގިނަގުނަ ފައިދާ ލިބެ އެވެ. ދަ ޖާނަލް އެވިޑެންސް ބެސްޓް ކޮމްޕްލިމެންޓްރީ އެންޑް އޯލްޓަނޭޓިވް މެޑިސިންގައި ޝާއިއު ކޮށްފައިވާ ގޮތުން 4 ހަފުތާއަށް ކޮންމެ ދުވަހަކު އަންނާރު ޖޫސް ތަށްޓެއް ބުއިމުން ހައިޕަޓެންޝަން ހުންނަ މީހުންގެ ސިސްޓޮލިކް އަދި ޑައަސްޓޮލިކް ލޭގެ ޕްރެޝަރު ބޮޑުތަނުން ދަށްކުރެވެ އެވެ.
  5. މި ޖާނަލްގައި ބުނާގޮތުން މިހެންވުމުގެ އަސްލަކީ ނާރުތަކުގެ އެތެރޭގެ ފަށަލައިގައި ހުންނަ އެންޑޯތީލިއަމްގެ ދައުރު ފުރިހަމަވެ، ފައްކާކުރުމަށް އަންނާރުން އެހީތެރިވާވަރު ބޮޑުކަމެވެ. އެންޑޯތީލިއަމްގެ ދައުރު ފުރިހަމައަށް ހުރުމުން ލޭ ދައުރު ކުރުމަށް ލޭނާރު ފުޅާވެ ނުވަތަ ފަލަވާ މިންވަރު އިތުރުކުރެ އެވެ. މިހެންވުމުން ދުވާލަކު 1 ތަށި އަންނާރު ޖޫސް ބޮއެފިނަމަ ލޭގެ ޕްރެޝަރު ދަށްކޮށް ބެހެއްޓުމަށް އެހީތެރިވެއެވެ.

މިއިން ކޮންމެ ބާވަތެއްގެ ޖޫހެއް ބޯން ވިސްނާއިރު އެންމެ ރަނގަޅު ގޮތަކީ މިބާވަތްތަށް ހޯދައިގެން އެއިން ޖޫސް ހެދުމެވެ. ބަންދު ކުރި ފުޅީގައި ހުރި ޖޫހެއްނަމަ އޭގެ އުފެއްދުމާއިމެދު ފުންކޮށް ބަލައި ލޭބަލް ކިޔައި ހަކުރު އެއްކުރެވިފައި ނުވާ ޖޫސް ޚިޔާރުކުރުން މުހިންމެވެ. މިއީ ގުދުރަތުން ލައްވާފައިވާ ނުހަނު އަގުހުރި ފައިދާ ގިނަ ފަރުވާ ލިބޭ ބާވަތްކެވެ. ވީވަރަކުން މިފަދަ ރަގަޅު ތަކެތީގެ ޖޫސްބުއިން އާދަކުރެވޭތޯ ބެލުމަކީ ނުރައްކާތެރި ބަލިތަކުން ސަލާމަތްވެ ހުރުމަށް ހޭދަކުރެވޭ މުހިންމު ހޭދައެކެވެ.