މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ހިނގައްޖެ އެވެ.
މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިއަދު ވަނީ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓާ ނިންމާ ރިޕޯޓް ފޯމް ހަވާލުކޮށްފަ އެވެ.
ގާތްގަނޑަކަށް 84،000 އެެއްހާ ދަރިވަރުންނާއެކު 2023-2024 ވަނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 6 ވަނަ ދުވަހު އެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާއިރު، އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.
ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިންމާލާފައިވާއިރު، ތައުލީމާއި ބެހޭ ވުޒާރާއިން އަންނަނީ ކުރިއަށް އޮތް ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ 7 ވަނަ ދުވަހު އެވެ.
މިދިޔަ ސެމިސްޓާގެ ތެރޭގައި ތައުލީމީ ވުޒާރާއިން ވަނީ ދިރާސީ އައު އަހަރު އަހަރުގެ ކުރީކޮޅަށް ބަދަލުކުރެއްވުމާއި ގުޅޭގޮތުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާ މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ ވަކި އަހަރެއް އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެ އެވެ.