އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރި އަށް މިއަދު ބިންހެލުމެއް އައިސްފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ބިންހެލުން އައީ ރެކްޓަ މިންގަނޑުން 5.6 ގެ ބާރުމިނުގައި ކަމަށެވެ. ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން އަދި ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
ސުނާމީގެ އިންޒާރެއް ނެތަސް، އަވަށްޓެރި ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އެ ގައުމުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.
ސުމަޓްރާ ކައިރިން ބިންހެލުން އައީ 10 ކިލޯ މީޓަރު އަޑިން ކަމަށް ރިޕޯޓުތައް ބުނާ އިރު ސުމަޓްރާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލޮޅުމުގެ އަސަރު ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑޮނޭޝިއާ ކައިރި އަށް ބިންހެލުމެއް އައިއިރު އިއްޔެ އައްޑޫ ކައިރިން ހަތަރު ބިންހެލުމެއް އައިސްފައިވާ ކަމަށް ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ވެސް ވަނީ ބުނެފަ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާ ގޮތުގައި ފުރަތަމަ ބިންހެލުން 4.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައިއިރު، ދެން އައީ އެއަށް ވުރެ ވަރުގަދަ ބިންހެލުންތަކެވެ. އޭގެ ފަހުގައި ބިންހެލުންތައް އައީ 5.0 އާއި 5.2 އަދި 5.8 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.
މީގެ 19 ވަނަ އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އައި ބާރުގަދަ ބިންހެލުމުގައި އެރި ސުނާމީގައި ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އޭޝިއާގެ ގައުމުތަކަށް ވެސް ސުނާމީ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.