އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިވިއިރު، މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯގެ ފާޑުކިއުންތައް އަމާޒުވީ ރެފްރީއަށެވެ.
ޗެލްސީ އަށް މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. ޗެލްސީ އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ ފޯވަޑް ޓީމޯ ވާނާ އަށް ޓޮޓެންހަމްގެ އެރިކް ޑަޔާ ކުރި ފައުލަކާ ގުޅިގެންނެވެ.
މޮރީނިއޯ ބުނީ މެޗުގެ ރެފްރީ އަންޑްރޭ މެރިނާ އަކީ އޭނާ ވަރަށް އިހުތިރާމްކުރާ ރެފްރީއެއް ކަމަށެވެ. އެހެން ނަމަވެސް، މި މެޗުގައި މެރިނާގެ "ޕާފޯމަންސް ވަރަށް ދަށް" ކަމަށެވެ.
"މިކަހަލަ ވާދަވެރި މެޗަކުން އެ ޓީމު (ޗެލްސީ) އެ މޮޅުވީ ޕެނަލްޓީއަކުން. އެއީ ރަނގަޅު ޕެނަލްޓީއެއް ނޫން. މި ކަަހަލަ ޕެނަލްޓީއެއްގެ ސަބަބުން މެޗަކުން ބަލިވުމަކީ ގަބޫލްކުރަން ވަރަށް ދަތި ނަތީޖާއެއް،" ކުރިން ޗެލްސީގެ ކޯޗުކަންކުރި މޮރީނިއޯ ބުންޏެވެ.
މިއީ ޗެލްސީގެ ކޯޗުކަމާ ތޯމަސ ޓުޗެލް ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ދެވަނަ މޮޅެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ މިހާތަނަށް ތިން މެޗު ކުޅުނުއިރު، އެ ޓީމު ބަލިވެފައެއް ނުވެ އެވެ. މި މޮޅާއެކު ޗެލްސީ ވަނީ ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެެެވެ.
މެޗަށް ފަހު ޓުޗެލް ބުނީ މެޗުގެ ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް މި މެޗުން ވެސް ފާހަގަވި ކަމަށް އޭނާ ބުންޏެވެ. – ބީބީސީ