ކޮވިޑް 19 އާ ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރަން 209 ފުލުހުން މަގުތަކަށް ނެރެފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ޑިޕާޓްމަންޓްތަކާއި ސީނިއާ އޮފިސަރުން ވެސް ހިމެނޭ ގޮތަށް މަގުމަތީގައި އިތުރު ފުލުހުން އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިގޮތުން މާލޭގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން އިދާރީ ޑިޕާޓްމަންޓްތަކުން 165 ފުލުހުންނާއި ސީނިއާ އޮފިސަރުންގެ 44 އޮފިސަރުން ކާފިއުގަޑީގަ އާއި އެހެނިހެން ގަޑިތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ޖުމްލަ 209 ފުލުހުން ދެ ޝިފްޓަކަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާލެ ސަރަހައްދުގައި މިދުވަސްވަރު ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވުމުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"މިދިޔަ އަހަރު ތެރޭގައި މާލެ ސިޓީ ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެން ވެސް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންވަނީ މިގޮތަށް އޮޕަރޭޝަނަލް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައި. 2019 ން 2024 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ބިނާކޮށްފައިވާ މައިގަނޑު އެއް އަސާސަކީ ފްރަންޓްލައިން ފަސްޓުގެ ސިޔާސަތު. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސާނީ ވަސީލަތުގެ ބޮޑުބައެއް ކޮވިޑް 19 ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާއިރު، ފުލުހުން އަންނަނީ ތަފާތު ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރަމުން،" ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ކުށް މަދުކުރަން ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ވެސް، އޭގެ ކުރީ އަހަރެކޭ އެއްފަދައިން ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ނުދާކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވުމުން މަގުމަތީގައި ފުލުހުން މީހުންނާ ސުވާލުކުރަނީ. ފޮޓޯ: ޕޮލިސް

"ހަމައެއާއެކު، މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގައި ގުރޫޕްތަކުން ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތައް ހުއްޓުވައި، ތަހުގީގުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންގެ ދެމިތިބޭނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވަން. އަދި ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދެއްވައި، މަގުމަތީގައި އުޅޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެ އެވެ.