އިންޑިއާއަށާއި އެ ގައުމުގެ ވެރިންނަށް މަލާމަތް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންދަނިކޮށް، ސަސްޕެންޑްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ.

އެ ވީޑިއޯއާ ގުޅިގެން އިންޑިއާގެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ސިފަ ކުރި ގޮތުގައި މޯދީ ދެއްވި އެ މެސެޖަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި އިންޑިއާގައި ތިބެގެން ވެސް ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްލެވޭނެ ކަމެވެ.

އެއާ އެކު، ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދު ބަސް ބުނެ، މަލާމާތުގެ ރާގަށް ސޯޝަލް މީޑިއާގައި އެކިއެކި ޓުވީޓުތައް ކުރައްވައިފަ އެވެ.

މި މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"އިހްތިރާމް ކުޑަވާ ފަދަ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ،"