ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗު 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މީގެ ކުރިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގެ ތާރީހު ކަނޑައެޅުމުގައި އާއްމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް އެންމެ ފަސޭހަވާނެ ގޮތްތަކާއި އީސީއަށް އިންތިޒާމު ކުރުމަށް ހުރި ގޮންޖެހުންތަކަށް ބައްލަވާނެ ކަމަށެވެ. އަދި އިންތިޚާބުގައި އެންމެ މުހިންމީ ވޯޓުލާ މީހުންގެ އަދަދު ގިނަ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވިހި24" އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު 2024ގައި ބާއްވާތީ އީސީން ކަނޑައެޅުއްވި ޝިއާރެކެވެ.

މި ހަފުތާގެ އާދީއްތަ ދުވަހު އީސީން މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީހު އިއުލާންކުރުމަށް ނިންމުމަށްފަހު ލަސްކުރީ އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެގޮތުން، މަޖިލީހުގެ ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރަމަޟާން މަހަށްފަހު އިންތިޚާބު ބޭއްވުމަށް އެ ޕާޓީން އެދުނެވެ. އެ ސިޓީއާ ގުޅިގެން އީސީން ވަނީ އެ ޕާޓީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފަ އެވެ.

ރޯދަ މަހަށްފަހު މަޖިލިސް އިންތިޚާބު ބާއްވަން ގޮންޖެހުންތައް ދިމާވާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން، ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަށްވުމުން ޢީދާއެކު ގިނަ ދުވަސްތަކެއް ބަންދުވެ، އިދާރީ މަސައްކަތްތަކުގައި ދަތިތަކާ ދިމާވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ވެސް މިއަދު އާއްމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. މިއީ މިހަރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށް ވުރެ 6 ދާއިރާގެ އިތުރުވުމެކެވެ. އިތުރު 6 ދާއިރާ މި މަޖިލީހުގައި ހިމެނުމަށް އީސީން ނިންމީ އާބާދީއަށް ބެލުމަށްފަހު އެވެ. އެގޮތުން އަލަށް މާލެ ސިޓީއަށް ދެ ދެ ދާއިރާ، އައްޑޫ ސިޓީއަށް ދާއިރާއެއް، ބ އަދި ލ. އަތޮޅަށް ދާއިރާއެއް އަދި ގއ. އަތޮޅަށް ދާއިރާއެއް އިތުރުވެ އެވެ.