މިދުވަސްވަރު ޖައްވު ނުސާފުވަނީ އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގެ ވައި ނުސާފުވެފައި ވާކަމަށެވެ. ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް ފާއިތުވި 24 ގަޑިއިރު ދުރު ފެންނަ މިންވަރު ވަނީ ފަސް ކިލޯ މީޓަރަށް ދަށްވެފައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދުރު ފެންނަ މިންވަރު ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާކަން އެ އިދާރާ އިން ފާހަގަކުރެ އެވެ.
މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް ދިޔަ އެވެ. އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް މިދިޔަ އަހަރު ވެސް ކޮށްފައި ވާއިރު މި އަހަރު ވެސް އުތުރު އިންޑިއާގައި މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެ ދަތުރުފަތުރަށް ވެސް ހުރަސްއެޅިފަ އެވެ.