މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެޅި ފިޔަވަޅުތަކާއެކު، ދިވެހި ޕްރިމިއާ ލީގާއި ކްލަބުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލާފައިވާތީ، އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން ބައެއް ކްލަބުތަކުން އެދިއްޖެ އެވެ.

ކޮވިޑް ކޭސްތައް އިތުރުވާތީ އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާއެކު، ޓީމު ކުޅިވަރުތައް ކުރިއަށް ގެންދިއުން ވަނީ ދެ ހަފުތާ އަށް ހުއްޓުވައިފަ އެވެ. އެހެންކަމުން ދިވެހި ޕްރިމިއާ ލީގު ވަނީ މެދުކަނޑާލައިފަ އެވެ. އަދި ކްލަބުތަކަށް ވަނީ ފަރިތަކުރުންތައް ވެސް މެދުކަނޑާލަން މަޖުބޫރުވެފަ އެވެ.

"ގައިޑްލައިންތަކާ އެއްގޮތަށް ހިންގަމުންދިޔަ ފުޓްބޯޅަ ސީޒަން މިހާ ކުއްލިގޮތަކަށް މެދުކަނޑާލުމުގެ ބަދަލުގައި، ކްލަބުތަކަށް އެންމެ ކުޑަމިނުން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ މަގެއް ތަނަވަސްކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެން،" ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ފަރިތަކުރުންތައް ފެށީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ލީގު ފެށުމުގެ ކުރިން ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓްކުރި އެވެ. ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދިޔައީ އެޗްޕީއޭ އިން ބޭނުންވި ގައިޑްލައިނާ އެއްގޮތަށެވެ. މެޗުތައް ވެސް ކުރިއަށް ގެންދިޔައީ ގައިޑްލައިނާ އެއްގޮތަށެވެ.

މާޒިޔާ އިން ބުނީ މެޗުތަކާއެކު، ފަރިތަކުރުންތައް ވެސް ނުކުރެވުމަކީ ކްލަބުތަކަށް "ފޫނުބެއްދޭ ވަރުގެ ގެއްލުމެއް" ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ދިވެހި ލީގާއި ފަރިތަކުރުންތައް އަލުން ފެށުމުގެ ފުރުސަތު ދިނުމަށް ކްލަބު އީގަލްސް އިން ވެސް ވަނީ އެދިފަ އެވެ. އެ ކްލަބުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މެޗުތައް މެދުކަނޑާލިޔަސް، ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދިނުމަކީ ހުރިހާ ކްލަބެއްގެ އެދުމެއް ކަމަށެވެ.