ސަރުކާރު އެކި މުއައްސަސާތަކުގައި ތިބި މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒުފޯރުވުމަށް ކަމަށް ބުނެ، އެމްޑީޕީން ސަރުކާރަށް ތުހުމަތުތަކެއް ކޮށްފި އެވެ.
ސަރުކާރު މުވައްޒަފުން ވަކިކުރާ މައްސަލާގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ދާދި ފަހުން ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި ތިބި 53 މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އެމްޑީޕީން ބުނީ އެއްވެސް ހަމައެއް އުސޫލެއް ނެތި މުވައްޒަފުން ވަކިކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިފަދައިން ނިންމީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކެން،" ބަޔާނުގައި ވެއެވެ.
އެ ޕާޓީން ބުނީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ އެއްވެސް ރައްޔިތެއްގެ ވަޒީފާ އަދާކުރުމުގެ ހައްގަށް އެއްވެސް މިންވަރަކަށް ހުރަސްއަޅާ އެ ހައްގުން މަހުރޫމުކުރުމަށް އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މުވައްޒަފެއް ވަކި ނުކުރާނެ ކަމަށް ރައީސް މުއިއްޒު، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދަށް އަލިއަޅުވާލާ އެ ޕާޓީން ބުނީ ސަރުކާރުގެ މި ނިންމުމަކީ ވައުދާ ޚިލާފު ކަމެއް ކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް 60 ދުވަސް ނުވަނީސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ކަނޑައެޅިގެން ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި އެތައް ސަތޭކަ މުވައްޒަފުންނެއް އެމީހުންގެ ވަޒީފާތަކުން ވަކިކުރެ އެވެ." ބަޔާނުގައިވެ އެވެ.
އެ ޕާޓީން ވަނީ ސަރުކާރު ކުންފުނިތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާގެ ބިރާއި ވަޒީފާތަކުން ވަކިކުރުން ހުއްޓާލާ، މިހާރު ވަކިކޮށްފައިވާ މީހުންނަށް ވަޒީފާ އަނބުރާ ދިނުމަށް ގޮވާލައިފަ އެވެ.
ހއ. ދިއްދޫ ފެނަކަ މުވައްޒަފުން ވަކިކުރި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ފެނަކައިން ބުނީ ވަކިކޮށްފައި ވަނީ ކުރާނެ މަސައްކަތެއް ނެތް މުވައްޒަފުންނާއި، ކޮންޓްރެކްޓު ހަމަވެފައިވާ މީހުން ކަމަށެވެ.