ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގަ އެވެ.

މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސުނާދު، ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މީހުންނަށް ހުޅުމާލެ، ގިރާވަރު އަދި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން ވަރަށް އަގުހުރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ހަގީގަތާ ހިލާފު ގިނަ ވާހަކަތަކެއްގެ ހަގީގަތް އެ ބައްދަލުވުމުން އެނގިގެން ދިޔަ ކަމުގައި އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ ހަވާލު ކުރިއިރު، ހުބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ. އެ މަސައްކަތް މެދުކެނޑިފައި އޮއްވައި އަލުން ވަނީ ފަށައިފަ އެވެ.