ދެދުވަހުގެ ތަޅާފޮޅުމަކަށް ފަހު ރައީސް މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލިހުން އިއްޔެ ވަނީ ގޮތް ނިންމާފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ނަންތަކުގެ ތެރެއިން ތިން ނަމަކަށް ރުހުން ދޭން މަޖިލީހުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ. އެހެންކަމުން ސަރުކާރުގެ ވަޒީރަކަށް ވުމަށް ގާނޫނު އަސާސީން ފުރިހަމަ ވާން ޖެހޭ ރުކުނެއް ފުރިހަމަ ނުވުމުން އެތިން ބޭފުޅުންނަށް ވަޒީރުކަމުގެ މަގާމުގައި ދެމިތިބެވޭނެ ގޮތެއް ނެތި އެހިސާބުން މަގާމު ގެއްލުނީ އެވެ.
މަޖިލީހުގެ ނިންމުމާ ވިދިގެން ދެން ފެނުނީ ރުހުން ނުލިބުނު ވަޒީރުން ހަމަ އެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ތަނެވެ. ސުޕްރީމް ކޯޓުގެ އެންމެ ޑިމޮކްރެޓިކް ކަމަށް ވަކާލާތު ކުރައްވާ ފަނޑިޔާރު، ހުސްނުއް ސުއޫދު ރައީސް އޮފީހަށް ވަޑައިގެން ހުވާލައި ދެއްވާ އަނެއްކާ ވެސް އެބޭފުޅުންނަށް މަގާމު ހަވާލުކުރި ތަނެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ހިނގައިދިޔަ މަދު ދުވަސްކޮޅުގައި ކަންތައްވެފައި ހުރި ގޮތަށް ބަލާއިރު ރުހުން ނުލިބުނު ވަޒީރުންނަށް އަލުން މަގާމު ހަވާލުކުރެއްވި ކުރެއްވުމަކީ ބަޔަކަށް މާބޮޑު ހައިރާންކަން ލިބޭފަދަ ކަމަކަށް ނުވެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވެދާ ކޮންމެ ދުވަހަކީ ވެސް އެފަދަ "ހޮޅި" ކަންތައްތައް ތަކުރާރުވާ ދުވަހެކެވެ. ބައެއް މިނިސްޓަރުންނަށް ފަތްކޮޅު ހަވާލުކުރެއްވުމަށްފަހު އަނބުރާ އަތުލެއްވުމާއި ހަމަ އެފަދަ ބައެއް ބޭފުޅުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެއްވުން ފަދަ ކަންތައްތަކާއި މަގާމުތަކުން ވަކި ކުރައްވާ މީހުން އަލުން ހަމަ އެމަގާމުތަކަށް އައްޔަން ކުރެއްވުން ފަދަ ކަންތައް އެމަނިކުފާނު ގެނަދަވަނީ ތަކުރާރު ކުރައްވަމުންނެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ރައީސް މުއިއްޒާ ބައިވެރިވެ މަޖިލީހުގެ ކަރާމަތަށް އަރައިގަތުމަކީ ގިނަބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށްވި އެވެ. މަޖިލީހުގެ މެންބަރުންނަށް ރުހުން ހޯދަން ޖެހޭނެ ކަމުގައި ގާނޫނުގައި ސާފު އިބާރަތުން ބުނެފައި އޮންނަ އޮތުމުގެ އިތުރުން އެފަދަ ރުހުމެއް ނުލިބުނު ބަޔަކަށް ވަޒީރުމުގެ މަގާމުގައި ދެމި ނުތިބެވޭނެ ކަމުގައި ސުޕްރީމް ކޯޓުން ނިންމާފައި އޮންނަ ނިންމުމެއް އޮތުމަކީ އެކަމާ މެދު އިތުރު ސުވާލު އުފެދުނު ކަމަކަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތްކަމަށް ހުކުމް ކޮށްފީމެވެ"
މަތީގައިވާ އިބާރާތަކީ ވަޒީރުންނަށް މަޖިލީހުގެ ރުހުން ނުލިބި މަގާމުގައި ނުތިބެވޭނެ ކަން ބަޔާންކޮށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންނަށް ރުހުން ހޯދުމުގައި ދިމާވި ޚިލާފަކާ ގުޅިގެން ސުޕުރީމް ކޯޓުން ނެރެފައިވާ މި ރޫލިންގް އިން ސާފު ކޮށް އެނގޭ ގޮތުގައި މަޖިލީހުގެ ރުހުން ނުލިބި ވަޒީރަކަށް މަގާމުގައި ނުހުރެވޭނެއެވެ. އެހްނ ކަމުން މަޖިލީހުން ރުހުން ނެތް ކަމުގައި ބުނެފައިވާ ވަޒީރަކަށް މަގާމު ދިނުނުމުގައި ރައީސަށް އެހީތެރިވެ، އެކަމުގައި ސުޕުރީމް ކޯޓު ބައިވެރިވުމަކީ ގާނޫނުތަކާއި އެ ކޯޓުގެ އަމިއްލަ ރޫލިންތަކާ ފުށުއަރާ ކަމެއްކަން ޔަގީނެވެ.
ފެހި ގާނޫނު އަސާސީގެ ނަމުން މަޝަހޫރުވެފައިވާ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވައިލި މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވި ގޮތުގައި ވަޒީރުންނަށް ރުހުން ދިނުމާ ބެހޭގޮތުން ގާނޫނު އަސާސީގައި ލިޔެފައި ހުރި އެއްޗަކީ ކޮންމެހެން ލިޔަން ޖެހޭ އެއްޗެތި ކަމަށް ގަބޫލު ކުރެވިގެން ލިޔެފައި ހުރި އެއްޗިއްސެވެ.
"ވަޒީރުން އައްޔަން ކުރމުގެ މައްސަލަ ހަމަ އެކަނި ރައީސުލް ޖުމުހޫރިއްޔާއަށް ދޫކޮށް ނުލައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ލިޔެފައި އޮތީ ރައީސުލް ޖުމުހޫރިއްޔާ ބޭނުންހާ ވަގުންނާއި ޗޯރުންނާއި ދަރަނި ވެރިންނާއި އަނިޔާވެރިންގެ އަތް މައްޗަށް ދައުލަތް ހިންގުމުގެ ބާރު ދޫކޮށް ނުލާން ވެގެން،" ގާނޫނު ހަދާ މަޖިލީހުގައި މުހިން ދައުރެއް އަދާކުރެއްވި އިބްރާހިމް އިސްމާއީލް (އިބްރާ) ފޭސްބުކުގައި ލިޔުއްވި އެވެ.
އިބްރާ އިތުރަށް ލިޔުއްވި ގޮތުގައި އެގޮތަށް އެވާހަކަ ގާނޫގައި ލިޔެފައި ވަނީ ވަޒީރުން އައްޔަން ކުރުމުގައި ރައީސުލް ޖުމުހޫރިއްޔާއަށް ވުރެ ރައްޔިތުންގެ ބާރު ގަދަކުރުމުގެ ބޭނުމުގަ އެވެ.
"މިކަން އެނގެނީ ރައީސުލް ޖުމުހޫރިއްޔާ ނުރުހުނަސް، މަޖިލީހަށް ވަޒީރުން ވަކިކުރެވުމާއި، މަޖިލީހުގެ ރުހުން ނެތި ވަޒީރުން އައްޔަން ނުކުރެވުމާއި، ރައީސުލްޖުމުހޫރިއްޔާއާ އެއްމިންވަރަށް މަޖިލީހަށް ވެސް ވަޒީރުން ޖަވާބުދާރީ ވާންޖެހޭ ގޮތަށް ލިޔެފައި އޮންނާތީ،" މަޖިލީހުން ވަޒީރުންނަށް ރުހުން ދޭން ޖެހޭ މައްސަލައިގައި އުފެދިފައި އޮތް ހަލަބޮލިކަމުގެ ތެރެއަށް ޚިޔާލުފާޅު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ވެރިކަން ހިންގާ ތިން ބާރުގެ ތެރެއިން ރައްޔިތުން ވެރިކަން ކުރަން ހަވާލުކުރާ ފަރާތަކީ ރައީސުލްޖުމުހޫރިއްޔާ އެވެ. ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކޮށް ޝަރުއީ ދާއިރާ ހިންގަން ހަވާލުވެފައި އޮންނަނީ ކޯޓުތަކާވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ ފަރާތެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ރައީސަށް ވެސް ކޯޓުތަކަށް ވެސް ކުރަން ޖެހޭ ކަމެކެވެ.
ގާނޫނު އަސާސީގައި ވަޒީރުންނަށް މަޖިލީހުގެ ރުހުން ނެތި މަގާމުގައި ނުތިބެވޭނެކަން ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުގެ ނިންމުމަށް ގޮންޖަހައި އެބޭފުޅުންނަށް އަލުން ވަޒީރުކަން ދެއްވުމަކީ ރައީސުލްޖުމުހޫރިއްޔާ ކުރެއްވި ގާނޫނާ ޚިލާފު ޚުދުމުޚުތާރު އަމަލެކެވެ. އެ އަމަލުގައި ބައިވެރިވެ އެކަމަށް ވާގިވެރިވުމުގެ ސަބަބުން ސުޕުރީމް ކޯޓުން މިވަނީ އެކޯޓުން ހިންގާ ޝަރުއީ މުއާމަލާތްތަކުގެ އިތުބާރާމެދު ސުވާލު އުފައްދާނެ ފުރުސަތު ހުޅުވާފަ އެވެ.
ނުދިނީމަ އެކަން ދޫކޮއްފަ ނަންބަދަލުކޮށް އެފެންވަރުގެ ވަޒީފާ އެތަނުން ދިނުމަކީ ވެރިމީހާއަށް ކުރެވިދާނެކަމެއްބާ އަދި މިނިސްޓްރީގެ ނަންބޯޑު ބަދަލުކުރީމައެކަން ނިމުނީ އަދި ހަމަސް ފަހުން އެހެން ނަމެއްގަ މިނިސްޓަރީގެ ނަބަޯޑުއެޅުވުމަކީ މައްސަލައެއް ނޫންދޮއްތޯ