ރާއްޖޭގައި ހިންގާ ޓެރަރިސްޓް އަދި އަނިޔާވެރި އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތކާއި އިހްތިޔާރެއް ބޭނުން ކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ދިން ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުގެ ބަޔާނުގައި ބުނި ގޮތުގައި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާއި ސަލާމަތްކަން ދަމަހައްޓައި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދިނުމަށެވެ.

"ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމަށް އަވަސް ޝިފާއަކަށް އެދެން. އަދި ފަރުވާއަށް ފަހު އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރަން." ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ޝަމީމަށް މިއަދު ހަމަލާދީފައިވަނީ ފަތިހުން ފެށިގެން އޭނާގެ ހަރަކާތްތަކަށް ފާރަލުންދިޔަ ދެ މީހެއް ކަމަށްވެ އެވެ. ހަމަލާދީފައިވަނީ އެ ދެ މީހުން ސައިކަލެއްގައި ގޮސް މަރުތޭލެއް ބޭނުންކޮށްގެންނެވެ. ޝަމީމަކީ ފަތާށާއި ދުވަން އާންމު ގޮތެއްގައި އެކަނިމާއެކަނި ވަޑައިގަންނަވާ ބޭފުޅެކެވެ. ޝަމީމަށް ހަމަލާދީފައި ވަނީ ދުވެ ނިންމެވުމަށް ފަހު، ދަރިފުޅު ސްކޫލަށް ލާފައި ވަޑައިގެން ގެއަށް ވަންނަވަނިކޮށެވެ. އޭނާ އަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށީގެ ތިރީގައި ވަނީ ރެނދުލައިފަ އެވެ.