ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާއިރު، ބޭނުން ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8-200ގެ ބޯޓެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މާޗް މަހުގެ އެއްވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ މާޗް އެއް ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޑޭޝް 8-200ގެ ބޯޓު ބޭނުން ކުރާނީ އެމަޖެންސީ ހާލަތްތަކުގައި ޗާޓާޑާކޮށްގެން ދަތުރުކުރާ ގޮތަށް ކަމަށެވެ.
އެ އެއާ އެމްބިއުލާންސްގައި ސިއްހީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހުންނާނެ އެވެ. ސަރުކާރުން އަންނަނީ ބޭރު ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފަ އެވެ.