ކުރިއަށް ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ދޭން ނިންމާފައި ވާތީ މާލޭ ސަަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން އަންނަ ހަފްތާ ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މިކަމާ ގުޅޭ އިއުލާނެއް ކައުންސިލުން އިއްޔެ ކުރި އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަން ނޯޓު ކުރުމަށް ވެސް އެ އެއިއުލާނުގައި އެދިފައިވެ އެވެ. ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ހަމަ އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އިއުލާން ބާތިލްކުރީ ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހަދަމުންދާތީ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލެވޭނެ ކަމަށް ވެސް ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑުލާއި 10 ކިލޯ ފުށް ލިބޭނެ ކަމަށެވެ.
"އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެ އަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް އެ ދުވަހު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެންމެ ގައުމަކުން ގެންނަ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށްޓަކައި ތުރުކީއާ އެކުގައިވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.