ބާރަ އަހަރަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިދުމަތްކުރައްވާ މުއައްޒަފުންގެ އަގު ވަޒަންކުރުމަށް ރޭ ދަރުބާރުގޭގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މިހަފްލާގައި އެއިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަގު ހާއްސަ އެވޯޑް ދީފަ އެވެ.

ރޭގެ މި ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އޭގެ އިތުރުން އެ ހަފްލާގައި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބް، ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބް (ޕެމާ) އިން އިސްނަގައިގެން ބޭއްވި ރޭގެ ހަފްލާގައި ވަނީ 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ 5 މުވައްޒަފަކަށް ގޯލްޑް މެޑައްޔާއި ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން މަޖިލިހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފަކަށް ބްރޯންޒް މެޑައްޔާއި ހަނދާނީ ފިލާ، އަދި މަޖިލީހުގައި 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކޮށްފައިވާ 10 މުވައްޒަފަކަށް ސިލްވަރ މެޑައްޔާއި ސެޓްފިކެޓް ރޭގެ ހަފްލާގައި ވަނީ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ރޭގެ ހަފްލާގައި ވަނީ މަޖިލީހުގެ މުވައްޒަފުންގެ ގޮތުގައި 5 އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރި 58 މުވައްޒަފަކަށް ހިދުމަތުގެ ސެޓްފިކެޓް ދީފަ އެވެ. އަދި 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރި 7 މުވައްޒަފަކަށް ހަނދާނީ ފިލާ ދިނުމުގެ އިތުރުން ، 34 މުވައްޒަފަކަށް އެމްޕްލޯއީ އެވޯޑް ވެސް ދީފަ އެވެ.

މި ހަފުލާއާ ގުޅެ ގޮތުން ވާހަކަ ދައްކަވަމުން ޕެމާގެ ރައީސް އަދި މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މިއީ 12 އަހަރުފަހުން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މި ގޮތަށް ބޭއްވި ހަފްލާއެއް ކަމަށެވެ. އަދި ޕެމާއިން މިފަދަ ހަފްލާއެއް ބޭއްވުމުގެ މަގުސަދަކީ މުވައްޒަފުންކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.