ބޯކޮށާ ތަންތަނުގައި ކިއު ހަދާފައި ތިބޭ ގިނަ ފިރިހެނުން ގިނައިން އެކި ގޮތް ގޮތަށް ހައްދަނީ ތުނބުޅި އެވެ. ތަފާތު ޑިޒައިންތަކަށް ތުނބުޅި ބެހެއްޓުމަކީ މިޒަމާނުގެ ވަރަށް ބޮޑު ފެޝަނެކެވެ. ތުނބުޅި ބެހެއްޓުމަކީ އެކި ޒަމާނުގައި އެކި ގޮތަށް ކުރަމުން އަންނަ ކަމެކެވެ. ބައެއް ދުވަސްވަރު ފިރިހެނުން އެއްގޮތަކަށް ވެސް ތުނބުޅި ނުބަހައްޓާ ވެސް ދެ އެވެ. މިއަދުގެ ކުރިއަރާފައިވާ ދުނިޔޭގައި ސެލޫންތަކަށް އަރާމުގައި ގޮނޑިއެއްގައި އިށީނދެ އިންދާ ބުނާ ސްޓައިލަކަށް ބުނާ ފެންވަރަކަށް ތުނބުޅި ހަދައިދީ ބޯކޮށާ ދިން ކަމުގައި ވިޔަސް މާޒީގައި އެކަން އޮތީ އެހާ ފަސޭހަ ކޮށެއް ނޫނެވެ.
މީގެ 400 ވަރަކަށް އަހަރު ކުރިން ދިވެހި ރާއްޖޭގައި ފިރިހެނުން ތުނބުޅި ބެހެއްޓި ގޮތާއި އެމީހުން ތުނބުޅި ޑިޒައިން ކުރި ގޮތަށް ބަލާލާއިރު އެމީހުން އަކަން ކޮށްފައި ވަނީ ވަރަށް ބޮޑު ސަމާލު ކަމެއް އެކަމަށް ދީގެން ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަން އެނގެ އެވެ.
ޣާޒީ މުހައްމަދުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ވެރިކަމުގައި ރާއްޖޭގައި އުޅުއްވި ފްރާސްވާ ޕިރާޑު ލިއުއްވާފައިވާ ގޮތުގައި އޭރުގެ ދިވެހި ރާއްޖޭގައި ތުނބުޅި ބާލައި ބޯކޮށާ ހަދާ ވަކިތަނެއް ނުވަތަ ސެލޫނެއް ނުހުރެ އެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ އިސްތަށިގަނޑަށް ހަދާގޮތެއް ހަދަނީ އަމިއްލައަށެވެ.
ޕިރާޑު ލިއުއްވާފައިވާ ގޮތުގައި އެޒަމާނުގައި ފިރިހެނުންގެ ތެރެއިން ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ބެހެއްޓުމުގެ ހުއްދަ އޮންނަނީ ރަސްގެފާނުގެ އޮފިސަރުންނާއި ސިފައިންނާއި މާލޭގެ ކަމުވޮށިވެގެންވާ މޮޅެތި މީހުނަށް އެކަންޏެވެ. އެފަދަ މީހުންގެ އިސްތަށިގަނޑު އަންހެނެއްގެ ބޮލުގެ އިސްތަށިގަނޑު ފަދައިން ދިގު ކޮށްފައި ހުރެދާނެ އެވެ. އެނޫން މީހުންގެ ބޯ ހުންނާނީ ބާލައިފަ އެވެ. ނުވަތަ ކުރުކޮށް ކޮށައިފަ އެވެ. އެކަމުގައި އެމީހުން ބޭނުން މިންވަރެއް ޚިޔާރު ކުރުމުގެ މިނިވަންކަން އޮވެ އެވެ. ރަސްގެފާނާއި ބޮޑުންގެ އިސްތަށިފުޅު ހުންނަނީ ކުރުކޮށް ކޮށައިފަ އެވެ.
ރާއްޖޭގައި ޕިރާޑު އުޅުއްވި ދުވަސްވަރު އެއްވެސް ކަހަލަ ބޯކޮށާ ތަނެއް ނުވަތަ ސެލޫނެއް ނެތުމުގެ ސަބަބުން ކޮންމެ މީހެއްގެ އަތުގައި ވެސް ބޮލާއި ތުނބުޅި ބާލައި ކޮށާ ހަދާނޭ ސާމާނު ހުރެ އެވެ. އެ ސާމާނަކީ ދަގަނޑު ކުރަފަތަކާއި ލޮޔާއި ދަގަނޑުން ހަދާފައި އޮންނަ ކަތުރަކާއި ރަންވަން ލޯގަނޑެކެވެ. އެލޯގަނޑު އުނގުޅައި އޮފްކޮށްގެން މޫނު ބަލަން ބޭނުން ކުރެ އެވެ. އުމުރުން 15 އަހަރު ފުރުމަށް ފަހު އޭގެ ފޮށްޓެއް އަމިއްލަޔަށް ނުގެންގުޅޭ މީހަކު ނުހުންނާނެ ކަމުގައި ޕިރާޑު ލިއުއްވި އެވެ. އެފޮށީގައި ތުނބުޅި ބާލާ ސާމާނާއި ކަތުރާއި ބޮލުގައި ލާ ތެލާއި ބޮލުގައި އަޅާ ފުނަލުގެ އިތުރުން ސައިބޯނި ފަދަ ތަކެތި ވެސް ހުންނާނެ އެވެ.
ދަގަނޑު ކުރަފަތުން ދިވެހިން ތުނބުޅި ބާލާ ތަން ބެލުމަކީ ޕިރާޑަށް ވަރަށް ދަތިކަމެއް ކަމުގައިވި އެވެ. ސަބަބަކީ ފިނި ފެންފޮދެއް އުނގުޅާލައިފައި ކޮށި ތިލައަކުން ތުނބުޅި ބާލާއިރު އަޅާނެ ވޭން އިހުސާސް ކުރެވޭތީ އެވެ. ތުނބުޅި ބޭލުމުގެ ކުރިން ހޫނު ފެނުން މޫނުގައި ފެންލައި އެތައް އިރަކު މަސައްކަތްކޮށް މަޑު ކޮށްގެން ތުނބުޅި ބާލާ އިރުވެސް ޕިރާޑަށް އަޅާ ވޭނަށް ކެތްވާ ކަމަކަށް ނުވެ އެވެ. އެހެނަސް ދިވެހިން ވަރަށް ފަސޭހަކަމާ އެކު އެއްވެސް ތަދެއްގެ އިހުސާސްވާކަން ވެސް ނޭނގޭހެން އެކަންކޮށް ނިންމާލަ އެވެ. ޕިރާޑު ބަޔާންކުރި ގޮތުގައި އެމީހުން ގިނައިން ތުނބުޅި ބާލާނީ މިސްކިތް ދޮށުގައި ތިބެގެންނެވެ.
ޕިރާޑު ލިއުއްވާފައިވާ ގޮތުގައި ދިވެހި ރާއްޖޭގައި އޭނާ އުޅުއްވި ދުވަސްވަރު ދިވެހި ފިރިހެނުންގެ ތުނބުޅި މައިގަނޑު ގޮތެއްގައި ހުންނަނީ ދެ ގޮތަކަށެވެ. އޭގެ ތެރެއިން އެއްބާވަތެއްގެ ތުނބުޅި ބެހެއްޓުމުގެ ހުއްދަ އޮނަނަނީ ވަކި ބަޔަކަށެވެ. އެއީ ފަނޑިޔާރުންނާއި ކަތީބުންނާއި މުދިމުންނާއި ހައްޖުވެރިންނަށެވެ. އެބައިމީހުންގެ ތުނބުޅިން އެއްގޮތަކަށް ވެސް އިސްތައްޓެއް ނުކަނޑައި ދިގުވި އެންމެ ދިގެއްކޮށް ދިގު ކުރަނީ އެވެ. އެއިގެ ތެރެއިން ބައެއް މީހުން ދަތްދޮޅީގެ ތިރިން ކަރުދޮށް ބާލަ އެވެ. އަދި ދެތުންފަތުގެ ތިރިންނާއި މަތިން ވެސް ހިސާބަކަށް ބާލަ އެވެ.
އަނެއް ވައްތަރަކީ ކޮންމެ މީހަކަށް ވެސް ބަހައްޓަން ހުއްދަ އޮންނަ ތުނބުޅި އެވެ. އެއީ މަތިމަސް ބާލައި ތިރީ ތުންފަތް ކައިރިންނާއި ދަތްދޮޅި ދަށުން އިސްތަށި ބޭލުމެވެ. އެއަށް ފަހު ކޯތާފަތް މަތިން ވީހާވެސް ތުންޏެއްކޮށް ކޮށައި ދަތްދޮޅިއާ ދިމާއިން ތިރިއަށް ފޭއްސައިފައި ހުންނަ ގޮތަށް ކޮށުމެވެ.
ޕިރާޑު ލިޔުއްވާފައިވާ ގޮތުން ދިވެހިން ތުނބުޅި ހަދައި ބޯކޮށާ ހެދުމުގައި ހަށިގަނޑުން ވަކިވާ އެއްމެ އިސް ތައްޓެއް ވެސް ގެއްލުނަ ނުދީ ރައްކާކޮށް ފޮތިކޮޅަކަށް އަޅައިގެން ގޮސް ގަބުރުސްތާނުގައި ވަޅުލާނެ އެވެ. ސަބަބެއް ކަމުގައި އެމީހުނާ ހަވާލާދީ ޕިރާޑު ލިޔުއްވާފައި ވަނީ ގައިން ވަކިވާ އިސްތަށްޓަކީ ވެސް ހަށިގަނޑުގެ ބައެއް ކަމުން އެ ތަކެއްޗަށް އިހުތިރާމްކޮށް ވަޅުލަން ޖެހޭނޭ ކަމުގައި ދިވެހިން ދުށުމެވެ.
ތާރީޚީ ރިވާޔަތްތަކުން އެނގޭ ގޮތުގައި ދިވެހި ކާބަފައިންނަކީ އެމީހުންގެ ހަށިގަނޑުގެ ސާފު ތާހިރު ކަމާއި ފެޝަނަށް ލޯބި ކުރި ބައެކެވެ. އެމީހުންގެ ތުނބުޅި އާއި ބޯ ކޮށާހެދުމުގެ ސްޓައިލްތަކާއި އާދަކާދަތަކަށް ވިސްނާލުމުން ވެސް މިކަން ރަނގަޅަށް ހާމަވެ އެވެ. ޒަމާން ބަދަލުވަމުން އައިސް ދިވެހި ފިރިހެނުންގެ ތުނބުޅި ތަފާތު ގޮތްގޮތަށް ޑިޒައިން ކުރުމުގެ ފެޝަނެއް ވައިގައި ހިފާފައިވާ އިރު ކާބަފައިންގެ ތުނބުޅި އާއި މިހާރުގެ ތުނބުޅިއާ ހުރީ ކިހާ އެއްގޮތް ކަމެއް ހެއްޔެވެ. ޕިރާޑުގެ ލިއުމުގައި މިވާ 400 އަހަރުގެ ކުރީގެ ޑިޒައިނާއި މިއަދުގެ ތުނބުޅިތަކާ ކޮންމެވެސް ވަރެއްގެ ގާތް ކަމެއް އޮތްކަމުގައި ފެނެ އެވެ.