ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.
މި ބިލް މަޖިލިހަށް ފޮނުއްވީ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރެއް ހުންނަން ޖެހޭނެ ކަމަށް އޭގައިވެ އެވެ.
ގާނޫނުއަސާސީގެ މި މާއްދާ މިގޮތަށް އޮތުމުން، މަޖިލީހުގެ ކޮންމެ އާ ދައުރަކަށް މެމްބަރުންގެ އަދަދު އިތުރުވެ އެވެ. މިހާރު ހިނގަމުން އަންނަ މަޖިލިހުގައި 83 މެމްބަރުން ހިމެނިވަޑައިގަންނަވާ އިރު، އަލަށް މިހާރު އިންތިހާބު ކުރަން އުޅޭ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާނެ އެވެ.
އާޒިމްގެ އިސްލާހުގައި ވަނީ އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެމްބަރު، ޖުމްލަ އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެމްބަރުން، ޖުމްލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެމްބަރުން، ޖުމްލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެމްބަރުންނެވެ. ޖުމްލަ އާބާދީ 36،000 މީހުންނަށް ވުރެ ގިނަ ނަމަ، ފަސް މެމްބަރުންނަށް ހެދުމަށެވެ.
ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓުންނަށް ހާއްސަ ކުރަން ޖެހޭ ގޮތަށް އޭނާ ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
އާޒިމް އެފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، މެމްބަރުންގެ އަދަދު ހިފަހައްޓަން ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވިއެވެ. އެކަމަކު، އެ އިސްލާހު މަޖިލިހުން ފާސްވެފައެއް ނުވެ އެވެ. އެ ފާސް ނުވީ މަޖިލިހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ތާއީދު ނުލިބުމުންނެވެ.
އެކަމަކު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މިހާރު މަޖިލިހުގައި މަސައްކަތް ކުރަނީ ގުޅިގެންނެވެ.