މިދިޔަ އަހަރުގެ އޮގަސްޓު މަހު ރިލީޒްކުރި ފިލްމު "ނީނާ" އަކީ ފިލްމީ އުދަރެހުގައި 2023 ވަނަ އަހަރުގެ އެންމެ ވިދުން ގަދަ އެއް ފިލްމުކަމާމެދު ޝައްކެއް ނެތެވެ. އޮލިމްޕަސް ސްކްރީނުގައި މި ފިލްމު ބެލި ގިނަ ބަޔަކު މި ފިލްމަށް އޮއްސަމުންދިޔަ ތައުރީފުގެ ބަސްތަކުން މިކަމަށް ހެކި ދެ އެވެ.
"ނީނާ" ފިލްމު އަދި ނުބަލާ ފަރާތްތަކަށާއި އަލުން މި ފިލްމު ބަލާލުމަށް ކެތްމަދުވެފައިވާ ފަރާތްތަކަށް ވީޑިއޯ ކްލަބުން މިދެނީ އުފާވެރި ޚަބަރެކެވެ. މިއަދުން ފެށިގެން މީޑިއާނެޓްގެ ވީޑިއޯ ކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯނުގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު ވެސް މި ފިލްމު ބަލާލެވޭނެ އެވެ.
އައި ފިލްމްސް އިން ޕްރޮޑިއުސްކޮށް އިލްޔާސް ވަހީދު (އިއްލެ) ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ ފިލްމު "ނީނާ" އަކީ ގިނަ ދިވެހިންގެ ހިތްތަކާ ކުޅެލާފަދަ ޝައުގުވެރި ވާހަކައެއްގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި ދައްކައިދެނީ ކާމިޔާބު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އަންހެނެއްގެ ޙަޔާތަށް ދިމާވާ ފިތްކަންޑައިގެންދާ ފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާ ފިސާރި ފަސްނުޖެހޭ އަންހެނެއްގެ ވާހަކަ އެވެ.
މި ފިލްމަކީ ގެވެށި އަނިޔާ ފަދަ ދިވެހި މުޖްތަމައުގައި އަންހެނުން ކުރިމަތިލަމުން އަންނަ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އިޖްތިމާއީ މެސެޖުތަކެއް ހިމެނިފައިވާ ފިލްމެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.
ފިލްމުގެ މައި ރޯލުން ފެނިގެންދާނީ ފިލްމީ ދުނިޔޭގައި އިތުރު ތައާރަފަކަށް ބޭނުން ނުވާނެ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މި ފިލްމުގައި ނުޒޫގެ އެކްޓިންއަކީ މިފަހުން ނިކުތް ފިލްމެއްގައި އަންހެން ފަންނާނެއްގެ ފަރާތުން ފެނުނު އެންމެ ތަފާތު މޮޅު އެކްޓިން ކަމުގައި ފިލްމު ބެލި ގިނަ ބަޔަކު ބުނެ އެވެ.
ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ މަގްބޫލު އެކްޓަރު ޝަރަފް އަބްދުﷲ އެވެ. މި ފިލްމުގެ އިތުރު ރޯލުތަކުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މަރިޔަމް ޝަކީލާ އަދި މަރިޔަމް ރަޝީދާ ވެސް ފެނިގެންދާނެ އެވެ. އަދި މުހިއްމު ނުބައިބައި މީހެއްގެ ރޯލުން ހަމްދާން ފާރޫގްގެ އެކްޓިން ވެސް ފެނިގެންދާނެ އެވެ.
ދިވެހި ފިލްމު "ނީނާ" އާއެކު ވީޑިއޯ ކްލަބް ޚިދުމަތް މިވަނީ އިތުރަށް މުއްސަނދިވެގެން ގޮސްފަ އެވެ. އެންމެ ފަހުގެ އެންމެ މަގްބޫލު ދިވެހި އަމިއްލަ އުފެއްދުންތައް ފަސޭހަކަމާއެކު ޓީވީ އަދި މޯބައިލް ސްކްރީންތައް މެދުވެރިކޮށް ބަލާލެވޭނެ ގޮތް މި ހިދުމަތް މެދުވެރިކޮށް ދިވެހިންނަށް މިވަނީ ފަހިވެގެން ގޮސްފަ އެވެ. ވީޑިއޯ ކްލަބުން އަންނަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން އަމިއްލަ އުފެއްދުންތަކެއް ވެސް ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.
ވީޑިއޯ ކްލަބްގެ ލައިބްރަރީގައި ހިމެނޭ ކޮންޓެންޓް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެސް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީއިން އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް ފޯނުން ބަލާލެވޭނެ އެވެ.