އެއީ ރަހުމަތުގެ މައްސަރެވެ. އަފޫ ކުރެއްވުން ގިނަ ކުރައްވާ މައްސަރެވެ. ނަރަކައިގެ ދޮރުތައް ބަންދު ކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ދުވަސްވަރެވެ. ޝައިތާނުން ކަސްތޮޅު އެޅުވޭ މައްސަރެވެ. އާއެކެވެ. މިއީ ރަމަޟާން މަހެވެ.

މިއަހަރުގެ ރަމަޟާން މަހަށް އަލިވިލިގެން އައި އިރު އަހަރުމެން ވަނީ ގިނަ ގޮތްގޮތުން މި މައްސަރަށް ތައްޔާރު ވެފަ އެވެ. ވަރުވަރުން ބާޒާރު ކޮތަޅުތައް ގެއަށް ވައްދާ ފަރުނީޗަރުތަކުން ހިރަފުސް ފޮޅައިފި އެވެ. ގަނޑުކޮށް ބަދިގެއަށް ކާބޯތަކެތި ވައްދާ ފުރައިފި އެވެ.

ނަމަވެސް ރަމަޟާން މަހާއެކު އިސްކަން ދޭންވީ ފަރުނީޗަރުތަކާއެކު އަހަރުމެންގެ ނަފްސުގެ ހިރަފުސް ފޮޅައި ތާހިރު ވުމަށެވެ. އަޅުކަމާއި ތަގްވާގެ އަމަލުތަކުން އަހަރުމެންގެ ހިތް ފުރާލުމަށެވެ.

ރަމަޟާން މަހަކީ ހަމައެކަނި މާއްދީ ގޮތުން ތައްޔާރު ވާންވީ މަހެއް ނޫނެވެ. މި މައްސަރުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަންނަން ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެ އެވެ.

އެހެން ކަމުން މި ފެށުނު ރޯދަމަހަކީ ހެޔޮ އަމަލު ގިނަ ކުރާނެ ރޯދަ މަހަކަށް ހެދުމަށް އަޒުމު ކަނޑައަޅާށެވެ. ގިނަގިނައިން ޒިކުރު ކުރުމާއި އަޅުކަމުގައި ހޭދަ ކުރަން އަތްކުރި އޮޅާލާށެވެ. ކާމިޔާބު އޮތީ އެގޮތުންނެވެ.

އަޅުގަނޑުމެން އެދެނީ ތިޔަ އެންމެހާ ކިޔުންތެރިންނަށް ބާއްޖަވެރި ރަމަޟާން މަހަކަށެވެ. މި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބުން އެދި ރަމަޟާން މަހުގެ ހެޔޮ ތަހުނިޔާ އަރިސް ކުރަމެވެ.