ރޯދަމަހަކީ އަހަރުމެންގެ ކެއިންބުއިމަށް ގިނަ ބަދަލުތަކެއް އަންނަ މަހެކެވެ. މި ކަމުގެ ސަބަބުން ވައިގެ އުނދަގޫތައް އިތުރުވެ އާއްމު ސިއްހަތު ގޯސްވާ ފަހަރު އާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ރޯދައަށް ހުންނައިރު ވައިގެ އުނދަގޫތައް ވާނަމަ ކުރެވިދާނެ ބައެއް ކަންކަމަށެވެ.
މާ ގިނައިން ނުކެއުން
ރޯދަމަހު ކުރިމަތިވާ ވައިގެ އުނދަގޫތަކުން ސަލާމަތް ވުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ އެއްފަހަރާ އެހާ ގިނައިން ނުކެއުމެވެ. ދުވާލު ނުކައި ހުުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ކެވޭ ފަހަރު އާދެ އެވެ. އޭގެ ބަދަލުގައި ތިންއިރަށް ބަހާލައިގެން ކެއުން ރަނގަޅުވާނެ އެވެ.
ލަސްލަހުން ކެއުން
ހައިބަނޑާ ހުރުމަށްފަހު ރޯދަ ވީއްލާއިރު ކާ ހަލުވި މިނަކީ ވެސް ވައިގެ އުނދަގޫތައް ކުރިމަތިވާން މެދުވެރިވާ ކަމެކެވެ. މާ އަވަސް އަރުވާލައިގެން ކެއުމުގެ ބަދަލުގައި ލަސްލަހުން ކެއުމުން ކާނާ ހަޖަމުވުމަށް ފުރުސަތު ލިބި ވައިގެ އުނދަގޫ ދުރު ކޮށްދެ އެވެ.
ތެލުލި ކާނާ އާއި ކުޅި ކާނާ މަދުކުރުން
ރޯދަވީއްލާ ގަޑީގައި ތެލުލި ކާނާ އާއި މޭއަންދާ ފަދަ ކުޅި ކެއުންތައް ކެއުމަކީ ވައިގެ އުނދަގޫ އިތުރުވާ ކަމެކެވެ. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ކެއުންތަކުން ރޯދަވީއްލަން އާދަ ކުރާށެވެ.
ކެއުމަށް ފަހު ހިނގާލުން
ރޯދަވީއްލުމަށް ފަހު އެއްތަނެއްގައި އިށީންދެގެން އިނުމުގެ ބަދަލުގައި ކުޑަކޮށް ހިނގާލާށެވެ. ހިނގާފައި މިސްކިތަށް ގޮސް ޖަމާއަތުގައި މަޣްރިބް ނަމާދު ކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ.