މިއަދު މި ގެނެސްދެނީ ގިނަ ބަޔަކަށް ކަމުދާ ބީފްގެ ކެއުމެކެވެ. ތައްޔާރު ކޮށްލަން ފަސޭހަ މި ކެއުމަކީ ތިޔަ ބޭފުޅުންނަށް ކަމުދާނެ ކެއުމެއް ކަމަށް އުއްމީދު ކުރަމެވެ.
ބޭނުންވާ ތަކެތި
- 500 ގްރާމް ގެރި މަސް (2 އިންޗި ހުންނަވަރަށް ކިއުބްކޮށް ކޮށާފައި)
- 2 ސައިސަމުސާ އިނގުރު (ގާާނާފައި)
- 2 ސައިސަމުސާ ލޮނުމެދު (ގާނާފައި)
- 2 ސައިސަމުސާ މިރުސް (ކުދިކޮށް ކޮށާފައި)
- 2 ސައިސަމުސާ ތެޔޮ
- 3 ސައިސަމުސާ ޓޯމާޓޯ ސޯސް
- 4 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
- ރަހަލާވަރަށް ލޮނު
- 50 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
- 30 ގްރާމް ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
- 200 ގްރާމް ކަންކުން ފަތް (5 އިންޗި އަށް ބުރިކޮށްފައި)
ތައްޔާރުކުރާނެ ގޮތް
- ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލައި، އެއަށް އިނގުރުކޮޅާއި ލޮނުމެދުކޮޅު އަޅައި މުށިކުލަ އަރަންދެން ރަތްކޮށްލާށެވެ. ދެން ފިޔާ އަޅާށެވެ.
- އެއަށްފަހު ކަންކުން ފަތްކޮޅު އަޅައި ފަސް މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. (ކަންކުން ފަތުގެ ފެހިކުލަ ނުކެނޑޭވަރަށް ކެއްކުން މުހިންމެވެ.
- ދެން ބާކީ ހުރި ތަކެތި އަޅައި ރަނގަޅަށް އެއްކޮށްލައި އިތުރު ތިން މިނެޓު ކައްކާލާށެވެ.
- އެއަށްފަހު ގެރިމަސްކޮޅު އަޅައި މަޑު ގިނީގައި ރޯފިލުވާށެވެ. ގާތްގަނޑަށް 15 ވަރަކަށް މިނެޓުން ކެކޭނެ އެވެ.
- އެއަށްފަހު އުނދުން ނިވާލައި އުނދުނުގެ ހޫނުގައި ދެ މިނެޓް ވަންދެން ކައްކާށެވެ.
މި ކެއުމަކީ އާއިލާގެ އެންމެންނަށް ވެސް ކަމުދާނެ ކެއުމެކެވެ. ރޮށި ނުވަތަ ބަތާއެކު އިންސާފު ކޮށްލަން ހަމަ އެއްވަނަ އެވެ.