މުޅި ރާއްޖެއިން 209 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވިއިރު، 5،717 މީހަކަށް ވެކްސިންދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޖުމްލަ 17،716 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މީގެ ތެރެއިން 15،291 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 101 މީހަކާއި ތިލަފުށިން ޕޮޒިޓިވްވި 73 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 15 މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި ހަ މީހެކެވެ.

މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްއީއޯސީން މިރޭ ބުނީ ކޮވިޑް ޖެހިގެން އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ޖުމްލަ 190 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮވިޑް ފެތުރުން އިތުރުވަމުންދާއިރު މިއަދު އެކަނި 5،717 މީހަކަށް ވެކްސިންދީފައިވެ އެވެ. މިގޮތުން މިހާތަނަށް 33،106 މީހަކަށް ވެކްސިން ދީފައިވެ އެވެ.