މީދަލޭ ބުނުމުން ހިތަށް ވަންނަނީ މުޑުދާރު ކަމާއި ނަޖިސްކަމެވެ. ގޮނޑުތަކާއި ކުނިބުންޏެވެ. އޭގެ ނަޖިހާއި ކެހެރިއާއި ކުޅު ފަދަ އެއްޗެތިން އިންސާނުންނަށް ނުރައްކާތެރި ބަލިތައް ޖައްސަ އެވެ. ދިރިއުޅޭ ތަނަކަށް މީދާ ވަދެއްޖެނަމަ ކޮންމެ ފަދަ އަގެއްގައި ވެސް އެ އެއްޗެހި މަރާ ހުސްކުރެވޭތޯ ކޮންމެ މީހަކު ވެސް ބަލަ އެވެ. ނަމަވެސް އެތައް ހާސް މީދަލަކާއެކު އެއީ މަތިވެރި މާތް އެއްޗެއް ކަމުގައި ބަލާ އެއަށް އަޅުކަން ކުރާ ޚާއްސަ ފައްޅިއެއްގެ ވާހަކައަކީ އާދަޔާ ޚިލާފު ވާހަކައެކެވެ.
އިންޑިއާގެ ރާޖަސްތާނުގައި ހުންނަ ކާނީމާތާ ޓެމްޕަލަކީ އެ ޓެމްޕަލްގައި އެތައް ހާސް މީދަލެއް އެއްވެސް ހުރަހެއް ނެތި ދިރިއުޅޭ ފައްޅިއެކެވެ. އެއިން މީދަލަކަށް އުނދަގުލެއް ކޮށް، ގެއްލުމެއް ދިނުމަކީ އެފައްޅީގެ އަހުލުވެރިންގެ ނަޒަރުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ހެނދުނު މީދާތަކަށް ބޯންދޭން ގެނެސްފައި ހުންނަ ގެރީގެ ކިރަކީ މީދާ ބުއިމުން އާދަޔާ ޚިލާފު މާތްކަމެއް އެއަށް ލިބޭ ކިރެއް ކަމުގައި އެމީހުން ގަބޫލުކުރެ އެވެ. އެތައް ބައިވަރު މީދަލެއް އެ ކިރު ދޮލަނގު ވަށާލައިގެން ކިރު ބޯން ތިބޭ އިރު އެތަނަށް ޒިޔާރަތް ކުރާ މީހުން އެ ދޮލަނގުން ކިރު އަތަށް ނަގައިގެން ބޮ އެވެ.
ކާނީމާތާ ފައްޅީގެ މީދާތަކުގެ ކެއުމަކީ ވެސް ޚާއްސަ އެއްޗެކެވެ. ޗީޒާއި މޭވާއާ ބައެއް ބާވަތުގެ ގޮވާން ފަދަ ތަކެތި އަޅުކަމަށް ދާ މީހުން ކޮންމެ ދުވަހަކު ވެސް ފައްޅިއަށް ގެންދެ އެވެ. މީދާ ކައިފައި ހުންނަ ކާއެތި ކޮޅެއް ކެވޭތޯ އެމީހުން ކޮންމެހެން ވެސް ބަލަ އެވެ. ފައްޅިއަށް ކޮންމެ ދުވަހަކު ވެސް އަޅުކަމަށްދާ އެތައް ހާސް ބަޔަކަށް ދިނުމަށްޓަކައި ފައްޅީގައި ޚާއްސަ ކާއެއްޗެހި ތައްޔާރު ކުރެ އެވެ. އެ ކާނާ ތައްޔާރުކުރާއިރު އޭގެ މަތީން މީދާތައް ދުވެ ދުވެ ތިބެ އެވެ. އެގޮތުން މީދަލުގެ ނަޖިހާއި ކެހެރިއާއެކު މޮޑެގެން ތައްޔާރުކުރާ ކާނާގެ އެތިކޮޅެއް ހޯދަން ކިޔޫ ހަދާފައި އޮންނަ ބައިގަނޑެއް ކޮންމެ ދުވަހަކު ވެސް ފައްޅި ދޮށުގައި އޮވެ އެވެ. އެ މީހުންނަށް އެއީ ވަރަށް މާތް ކާ އެއްޗެކެވެ. ފައްޅީގެ ދީނީ މީހުންނާއި އެތަން ބަލަހައްޓާ މީހުން ނިދައި ކައިބޮއި އުޅެނީ މީދާތަކާއެކު އެވެ. މި ހިސާބުން އުފެދޭ ސުވާލަކީ މި މީދާތައް މިހާ މަތިވެރި އެއްޗަކަށް ވީ ކިހިނެއް ހެއްޔެވެ؟
ހިންދޫ ދީނުގެ ގަބޫލު ކުރުންތަކާއި އަގީދާ ހުންނަ ގޮތުން އެމީހުންގެ ތެރޭގައި ކިތަންމެ ކަލާނގެތަކެއް އުފަންވެ، މަރުވެ ގޮސްފައިވެ އެވެ. ކާނީމާތާއަކީ ވެސް އެފަދަ ކަލާނގެއެކެވެ. ބުނެވޭ ގޮތުގައި ކާނީމާތާ އާއި އޭނާގެ ފިރިމީހާއަށް ހަތަރު ފިރިހެން ކުދިން ލިބުނެވެ. އޭގެ ތެރެއިން އެއްކުއްޖަކު އޭނާގެ ބައްޕަގެ އަތުން މަރުވި އެވެ. އެކަމެއް ހިނގީ ކުއްޖާގެ ބައްޕަ ކޯރުގެ ފެންގަނޑުން އެކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ކޯރަށް ގެނބިގެންނެވެ. ތުއްތު ކުއްޖާ މަރުވުމާ ގުޅިގެން އެ ކުއްޖާގެ ބޭބެ ވަރަށް ބޮޑަށް ރޮއި އޭނާގެ މަންމަ ގާތުގައި އެކުއްޖާ އަނބުރާ ގެނެސްދިނުމަށް އެދުނެވެ.
އެ ވަގުތު ކާނީމާތާ އެކުއްޖާ ގޮވައިގެން ގޮސް ފައްޅީގެ އެންމެ މާތް ކޮޓަރިއަށް ވަދެ، މަރުގެ ކަލާނގެއާ ވާހަކަ ދެއްކި ކަމަށްވެ އެވެ. ކާނީމާތާ އެދުނީ އެ ދަރިފުޅު އަނބުރާ ދުނިޔެއަށް ފޮނުވުމަށެވެ. މި މައްސަލާގައި މަރުގެ ކަލާނގެއާ ކާނީމާތާ އާ ދެމެދު ބަހުސްތަކެއް ހިނގުމަށްފަހު އެންމެ ފަހުން ނިމުނު ގޮތަކީ އެކުއްޖާ މީދަލެއްގެ ސިފައިގައި ދުނިޔެއަށް އަނބުރާ ގެނައުމަށެވެ. އަދި ކާނީމާތާގެ ދަރިކޮޅުގެ އެންމެން ވެސް މަރުވުމަށްފަހު މީދަލުގެ ސިފައިގައި ދުނިޔެއަށް އަލުން ގެނެސް ފައްޅީގައި ދިރި އުޅޭ ގޮތަށެވެ. މީދަލެއްގެ ގޮތުގައި އުޅެ މަރުވުމުން އެމީހުން އަލުން އިންސާނުންގެ ސިފައިގައި ދުނިޔެއަށް ގެނައުމެވެ.
އެއްބަސްވެފައިވާ ގޮތުގެ މަތިން ކާނީމާތާ އާއި އެއާއިލާގެ އެންމެން މަރުވުމަށްފަހު މީދަލަށް ބަދަލުވެ، ފައްޅީގައި ދިރިއުޅެނީ އެވެ. އެދަރިކޮޅުގެ މީހުންނަށް އެއީ އެމީހުންގެ އާއިލާގެ މެންބަރުންނެވެ. އެހެންކަމުން އާއިލާގެ މެންބަރުން ފަދައިން އެ މީދާތަކަށް ލޯބިދީ ގައިގޯޅިކޮށް އުޅެ އެވެ.
ކާނީމާތީ މީދާ ޓެމްޕަލުގައި އުޅޭ މީދާތަކަކީ އެނޫން މީދާތަކާ ތަފާތު ބަރަކާތްތެރި މީދާތަކެއް ކަމުގައި ހިނދީން ގަބޫލު ކުރާފަދައިން އެމީހުން ދެކޭ ގޮތުގައި ބޭރުގައި އުޅޭ މީދާތަކަށް އެ ޓެމްޕަލަކަށް ނުވަދެވޭނެ އެވެ. އޮޅިގެން ވެސް އެހެން މީދަލެއް އެތަނަށް ވަދެއްޖެނަމަ އެތަނުގެ މީދާތައް އެއަށް ހަމަލާދީ މަރާލާނެ އެވެ.
މީދާ ޓެމްޕަލަކީ ހިންދީންގެ އެހެނިހެން މުގައްދަސް ތަންތަން ފަދައިން ހުސްފައިގައި ވަންނަން ޖެހޭތަނެކެވެ. މީދަލުގެ ނުބައި ވަހާ ނަޖިހުގެ ތެރޭގައި ހުސްފައިގައި ހިނގާފައިދާއިރު އެތަނުން މީދަލަކަށް އަނިޔާއެއް ކުރެވިއްޖެ ނަމަ އެކުރެވުނީ ވަރަށް ބޮޑު ފާފައެކެވެ. ޚާއްސަކޮށް އެއިން މީދަލަކަށް ފައިން އެރި އެ މީދާ މަރުވެއްޖެނަމަ އެކަމުގެ ކައްފާރާއެއްގެ ގޮތުގައި ރިހިން މީދަލެއް ހަދާފައި ޓެމްޕަލަށް ހަދިޔާ ކުރަން ޖެހެ އެވެ.
ބެލެވޭ ގޮތުގައި ޓެމްޕަލުގައި އުޅޭ ގާތްގަނކަށް 25،000 މީދާތަކުގެ ތެރޭގައި ހުދު ކުލައިގެ ތިން ހަތަރު މީދާ އޮވެ އެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެއީ ކާނީމާތާ އާއި އޭނާގެ ހަތަރު ދަތިންނެވެ. ޓެމްޕަލްއަށްދާ މީހުން އެންމެ ޝައުގުވެރިކަމާއެކު ކުރާ ކަމަކީ އެއިން މީދަލެއް ފެނޭތޯ ބެލުމެވެ. އޮޅިގެން ވެސް އެއިން މީދަލެއް ފެނިއްޖެ މީހަކީ ނަސީބު ވެރިއެއްކަމުގައި އެމީހުން ދެކެ އެވެ.
ބާތިލު އަގީދާ އާއި ޚުރާފާތުތަކަކީ ހުރިހާ ޒަމާނެއްގައި ވެސް އިންސާނުންގެ މެދުގައި ގަދައަށް އޮންނަ ކަމެކެވެ. އެފަދަ ގަބޫލުކުރުންތަކުގެ ތެރެއިން މީދަލަށް އަޅުކަންކޮށް އެއީ މާތް އެއްޗެއް ކަމުގައި ބަލާ އެތައް މިލިއަން ބަޔަކަށް އިންޑިއާގެ ރާޖެސްތާނުގެ ކާނީމާތާ މީދާ ޓެމްޕަލަކީ ވަރަށް މުގައްދަސް ތަނެކެވެ.