ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބަކާ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައްދަލުކުރައްވާނެ އެވެ.

ރައީސް ކްލަބުތަކާ މި ބައްދަލުކުރައްވަނީ ފުރަަތަމަ ޑިވިޝަންގެ ހުރިހާ ކްލަބެއްގެ ފަރާތުން އިއްޔެ ރައީސާ ބައްދަލުކުރެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ހުށަހެޅުމާ ގުޅިގެންނެވެ. މި ސީޓީގައި ކްލަބުތަކުން އެދިފައިވަނީ ދިވެހި ޕްރިމިއާ ލީގާއި ކްލަބުތަކުގެ ފަރިތަކުރުންތައް ހުއްޓިފައި އޮތުމުން ކްލަބުތަކަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ރައީސާ ހިއްސާކުރުމުގެ ފުރުސަތެއް ދެއްވުމަށެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ސީނިއާ އޮފިޝަލެއް ވިދާޅުވި ކްލަބުތަކުގެ ސިޓީއާ ގުޅިގެން، މިއަދުގެ މެންދުރުގެ ވަގުތެއްގައި ކްލަބުތަކާ ރައީސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް މާލޭގައި ގިނަވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުގެ ތެރެއިން، ޓީމު ކުޅިވަރުތައް ވަނީ ހުއްޓުވައިފަ އެވެ. އެެހެންކަމުން، ދިވެހި ޕްރިމިއަރ ލީގުުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އަދި ކްލަބުތަކުގެ ފަރިތަކުރުންތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

މިކަމާ ގުޅިގެން، ކްލަބުތަކާއި ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވެކްސިން ޖަހައިގެންވިޔަސް، ލީގު އަލުން ފެށުމަށް ބޭނުންވާ ކަމަށް ކްލަބުތަކުން ވަނީ ކުރިން ބުނެފަ އެވެ.