ބްރޭކެއް ބޭނުންނުވާ ކަމަށް ބުނެ، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ މަގާމުން އިސްތިއުފާ ދިނުމަށް ވިސްނަމުންދާ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ލިވަޕޫލް މި ވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ދެމެދު 13 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ލިވަޕޫލަށް ލީގު ދިފާއުކުރުމުގެ ފުރުސަތު ހަނިވެފައިވާއިރު، ކްލޮޕް މަގާމުން އިސްތިއުފާ ދޭން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ކޯޗިން ކެރިއަރުން އޭނާ "ބްރޭކެއް" ނަގަން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

"މަގާމުން ވަކިކުރަން ދެން ހުންނާނީތަ ނޫނީ އަމިއްލަ އަށް އިސްތިއުފާ ދޭނީތަ؟ އަހަރެން ހަމަ ގައިމު ވެސް ބްރޭކެއް ބޭނުމެއް ނޫން،" ކްލޮޕް ބުންޏެވެ. "އެއްވެސް މީހަކު އަހަންނާމެދު ކަންބޮޑުވާކަށް ނުޖެހޭނެ. މިއީ އަހަރެން ބޭނުންވާ ހާލަތެއް ނޫން. އަހަރަމެން މިކަމަށް ހައްލެއް ހޯދާނަން."

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މިރޭ ޖަރުމަންގެ އާރްބީ ލިޕްޒިގްއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޖަރުމަނަށް ދަތުރު ނުކުރެވޭތީ، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގަ އެވެ. – ބީބީސީ