ފުވައްމުލަކުން އިތުރު ފަސް މީހަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެފްއީއޯސީ) އިން ބުނިގޮތުގައި މިހާރު އެރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފަ އެވެ. އަދި އިއްޔެގެ ނިޔަލަށް ފަސް މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދަކީ 24 އެވެ.

އެފްއީއޯސީއިން ބުނިގޮތުގައި މި ފަސް މީހުންނަކީ ކުރިން ފުވައްމުލަކުގައި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

އެ އޮޕަރޭޝަން ސެންޓަރުން ބުނިގޮތުގައި މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 760 މީހެއް ފާހަގަކުރެވި، ވަނީ ކަރަންޓީންކޮށްފަ އެވެ. މީގެ ތެރޭގައި 45 ހައި ރިސްކް މީހުން ފާހަގަވެފައިވާއިރު 12 މީހުންގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިފައިވެ އެވެ.

ފުވައްމުލަކުގެ އެއް ކޮވިޑް ކްލަސްޓާ ގުޅެނީ ޑުބާއީއިން ދިޔަ އެ ރަށުގައި ކަރަންޓީނުވި މީހަކާ އެވެ. އަދި އަނެއް ކްލަސްޓާއަކީ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކާއި ގުޅިފައިވާ ކްލަސްޓާއެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ފުވައްމުލަކުން ކޮވިޑް ފެނުމާއިގުޅިގެން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.